ވޭލްސްގެ ވެރިރަށް ކާޑިފް ސިޓީގައި މިރޭ ރާއްޖޭ ގަޑިން 11:45ގައި ފަށާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބެލުމަށްޓަކައި އެ ސިޓީއަށް ރެކޯޑް އަދަދަކަށް މީހުން ޖަމާވެއްޖެއެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ ޔުވެންޓަސްއާ ދެމެދު ކުޅެވޭ ފޯރިގަދަ ފައިނަލް މެޗު ބަލާލުމަށްޓަކައި ޒިޔާރާތްކުރި ދެޓީމުގެ ސަޕޯޓަރުން ހިމެނޭގޮތަށް ގާތްގަނޑަކަށް 170,000 މީހުން ކާޑިފަށް ޖަމާވެ، މަގުތަށް ތޮއްޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގާތްގަނޑަކަށް 350،000 މީހުންގެ އާބާދީއެއް އޮންނަ، ކާޑިފްގައި މިއަދު ކުޅެވޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗަކީ، އެ ސިޓީގައި، މިހިނގާ 2017 ވަނަ އަހަރުގެ ތެރޭގައި ބާއްވާނޭ އެންމެ ބޮޑު ހަރަކާތެވެ.

ހުކުރުދުވަހުގެ ރޭގެ މެންދަމުން ފެށިގެން ކާޑިފްގެ ބައެއް މަގުތައް ވަނީ، ބަންދުކޮށް، އެ ސިޓީއަށް އުޅަނދުފަހަރު ވަނުންވެސް މަނާކޮށްފައެވެ. މީގެ އިތުރުން ޓެރަރިސްޓް ހަމަލާއެއް އަތުވެދާނެކަމުގެ ބިރާއެކު، ގިނަ އަދަދެއްގެ ފުލުހުންވެސް ކާޑިފްގެ މަގުތަކުގައި ޗެކްޕޮއިންޓްތައް ހަދައިގެން ހަރަކާތްތެރިވަމުން ދާކަމަށް ބީބީސީން ބުނެއެވެ.

ސައުތު ވޭލްސް ޕޮލިސް އެސިސްޓެންޓް ޗީފް ކޮންސްޓަބްލް ރިޗަޑް ލެވިސް ވިދާޅުވީ، ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅޭ، ވޭލްސްގެ ނޭޝަނަލް ސްޓޭޑިއަމް ހުންނަ ސަރަހައްދާއެކު، ކާޑިފްގެ މުހިއްމު ސަރަހައްދު ތަކުގެ 2،000 ފުލުހުން ތައްޔާރީ ހާލަތުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"އަހަރެމެން އިލްތިމާސްކުރަން، މެޗު ޓިކެޓް ނެތްފަރާތްތަކުން، އުޅަނދުފަހަރުގައި ސިޓީ ސެންޓަރާ ދިމާއަށް ދަތުރު ނުކުރުމަށްވެސް،" އޭނާ ވިދާޅުވިއެވެ.

ކާޑިފްގެ ފުލުހުން ވަނީ، ސްޓޭޑިއަމް ކައިރީގައި ހުރި ހޮޓަލެއްގައި ތިބި ބައެއްގެ އަތުން، ފައިނަލް މެޗުގެ 13 ޓިކެޓެއް ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓެއް ލިބިގެން އެމައްސަލަވެސް ތަހުގީގުކުރަމުންދާ ކަމަށް ބުނެފައެވެ. އަދި މަގުމަތިން، ޓިކެޓް ގަންނަ ފަރާތްތައް އެކަމަށް ސަމާލުވުމަށާއި، އެއީ ވަގަށް ނަގާފައިވާ 13 ޓިކެޓްގެ ތެރޭން ޓިކެޓެއް ނަމަ އެފަރާތެއް ދަނޑަށް ނުވައްދާނޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

ވޭލްސްގެ ނޭޝަނަލް ސްޓޭޑިއަމަށް ވަދެވޭ މީހުންގެ އަދަދަކީ 74.500އެވެ. އެހެންކަމުން ސްޓޭޑިއަމްގެ އިތުރުން ސިޓީގެ ބޮޑެތި މައިދާންތަކުގައިވެސް ވަނީ ބޮޑު ސްކްރީންތައް ބަހައްޓައި، މެޗު ބެލުމުގެ އިންތިޒާމްތައް ހަމަޖައްސައިފައެވެ.