ގއ. ވިލިނގިލީ ކައުންސިލް މެމްބަރު މުހައްމަދު މުސްތަފާއާ ދެކޮޅަށް ވިލިނގިލީ ކޯޓުން ބަލަމުންދިޔަ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ މުސްތަފާގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ ދައުވާގެ މައްސަލަ 2013 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ މައްސަލަ އިތުރަށް އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި މީގެ ކުރިން ވިލިނގިލީ ކޯޓުން ވަނީ ހުކުމް ކޮށްފައި ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

އެ މައްސަލައަކީ އިސްތިއުނާފުގެ މުއްދަތު ހަމަވިއިރުވެސް އިސްތިއުނާފުކޮށްފައިވާ މައްސަލައަކަށް ނުވާތީ ދެން މައްސަލަ ބެލުމުގެ އިޙްތިސޯސެއް ދަށު ކޯޓު މަރުހަލާއަށް ލިބިގެން ނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

ވިލިނގިލީ ކޯޓުން އޭރު ކުރި ހުކުމަކީ ނިހާއީ ހުކުމަކަށްވެ ކަނޑައެޅި ނިޔާގެ ބާރުލިބިފައިވާ ހުކުމެއް ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެކަންކަން އެގޮތަށް ހުރުމުން ވިލިނގިލީ ކޯޓުން މިހާރު އެ މައްސަލަ ބަލަމުން އަންނަނީ ޝަރީއަތް ކުރުމުގައި އަމަލުކުރަމުން އަންނަ ޝަރުއީ އަދި ގާނޫނީ އިޖުރާއަތުތަކާ އުސޫލުތަކާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

އެ މައްސަލަ އަލުން ބެލުމަށް ވިލިނގިލީ ކޯޓުން އަޅާފައިވާ ހުރިހާ އިޖުރާއަތުތަކާއި ފިޔަވަޅުތަކަކީ ބާތިލް އެއްޗެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.