03 Jun 2017, 17:42
ފަހުގެ ރާޅާއެރުންތެރިން އާއްމުކޮށް ބޭނުން ކުރާ ވެޓްސޫޓާއި ދުނިޔެއަށް މަޝްހޫރު ސާފްވެއާ ބްރޭންޑު، އޯނީލްގެ ބާނީ ޖެކް އޯނީލް މަރުވެއްޖެ އެވެ.
އުމުރުން 94 އަހަރުގެ އޯނީލް މަރުވީ ކެލިފޯނިއާގެ ސޭންޓާ ކްރޫޒްގައި ހުންނަ އޭނާގެ ގޭގައި، ގުދުރަތީ ސަބަބުތަކާ ހެދި ކަމަށް އޯނީލްގެ އާއިލާއިން ބުންޏެވެ.
ރާޅާއަޅަން ބޭނުން ކުރާ ތަކެތި ވިއްކާ ފިހާރައެއް އޯނީލް އެންމެ ފުރަތަމަ ހުޅުވީ 1952 ވަނަ އަހަރު ސެން ފްރެންސިސްކޯގަ އެވެ. އަދި ރާޅާއެޅުމުގެ ދުނިޔެ ބަދަލުކޮށްލި ނިއޯޕްރީން ވެޓްސޫޓް އުފައްދައި، އޭތި މަޝްހޫރު ކުރީ އޯނީލް އެވެ.
އޭގެ ފަހުން 1970އިގެ އަހަރުތަކުގައި ރާޅާއަޅަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއް އޯނީލްގެ ވާތު ލޮލުގެ ފެނުން ގެއްލުނެވެ. ނަމަވެސް އޭގެ ސަބަބުން ވެސް އޯނީލް ރާޅާއެޅުން ހުއްޓާނުލަ އެވެ.
ނަވާރަސަތޭކައަށްޑިހައިގެ އަހަރުތަކުގައި އޯނީލްގެ ކުންފުނި ވަނީ ވެޓްސޫޓް ޑިޒައިންކޮށް އުފައްދާ އެންމެ ބޮޑު އެއް ކުންފުންޏަށް ވެފަ އެވެ. އަދި އޭގެ ފަހުން 1985 ވަނަ އަހަރު އޯނީލްގެ ދަރިފުޅު ކުންފުނި ހިންގުމާ ހަވާލުވި އެވެ. (ގާޑިއަން)