އޮސްޓްރޭލިޔާގެ ލިބަރަލް ޕާޓީގެ ދައުވަތަކަށް މިދިޔަ މަހު އޮސްޓްރޭލިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ އެނބުރި މާލެ ވަޑައިގެންނެވިއިރު އެޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަނީ ޕާޓީ އޮފީސް މުޅިން ބަދަލުކޮށްލައްވާފައި ކަމަށް ޑރ. ޑީދީ ވިދާޅުވެއްޖެ އެވެ.

ޑރ. ޑީޑީ މިހެން ވިދާޅުވީ މިއަދު ނުކުތް ސަން މީޑިއާ ގުރޫޕްގެ ސަން މެގަޒިން )ސަން މެގަޒިންނާއި އާއި ސަން އޮންލައިން ގައި މަސައްކަތް ކުރަނީ އެއްބައެކެވެ( ގެ 27 ވަނަ އަދަދަށް ޑރ. ޑީޑީ ދެއްވާފައިވާ ހާއްސަ އިންޓަވިއުގަ އެވެ.

ޑރ. ޑީޑީ ވިދާޅުވެފައިވަނީ ޕާޓީގެ އޮފީހުގެ ތިރީގައި ވަގުތީ ގޮތުން ޕާޓިޝަން ޖަހައިގެން މެންބަރުންނާ ބައްދަލު ކުރެއްވުމުގެ މަސައްކަތް އޮސްޓްރޭލިޔާ އަށް ވަޑައިގެންނެވުމުގެ ކުރިން ކުރައްވަމުން ގެންދެވި ކަމަށެވެ. ނަމަވެސް އޮސްޓްރޭލިއާ އަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގެންނެވި އިރު އޮފީސް ތެރޭގެ ކަންތައްތައް އޮތީ އޭނާ ބޭނުންވެލެއްވި ގޮތާއި މުޅިން ހިލާފަށް ކަމަށެވެ.

" އޮސްޓްރޭލިއާ އިން އަޅުގަނޑު އައިއިރު ވަގުތީ ގޮތުން ޖަހާފައި ހުރި ޕާޓިޝަންތައް ހުރީ ނައްޓާލާފައި، އަޅުގަނޑު މޫސައަށް ދެންނެވިން އަޅުގަނޑު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކުރަން ހުރި މަސައްކަތްތައް ކުރިއަށް ގެންދަން އެބަޖެހެއޭ. އަޅުގަނޑަށް ފަސޭހަވާ ގޮތަށް ރާވާލައިގެން ކުރިއަށް ގެންދިޔައީމައޭ އަޅުގަނޑަށް މަސައްކަތްތައް ފެށޭނީ،" ޑރ ޑީޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެވަނަ ފަހަރަށްވެސް އެ ޕާޓިޝަންތައް ޖަހައިގެން މަސައްކަތް ފެށުމުންވެސް ރީކޯ މޫސަ އަނެއްކާވެސް އެޕާޓިޝަންތައް ނައްޓާލެއްވުމުން، އޮފީހުގައި މަސައްކަތް ކުރެއްވުމަށް އެހާ ފަސޭހަވެވަޑައި ނުގެންނެވި ކަމަށާއި އެހެންވެ ރީކޯ މޫސަ އަށް ވެސް ވަގުތު ކޮޅެއް ދެއްވައިގެން ކަންތައްތައް ރަނގަޅު ކުރުމަށް ދެތިން ދުވަހު ގޭގައި މަޑުކުރެއްވި ކަމަށެވެ.

" ނަމަވެސް އެހާ ބޮޑަށް އެކަންތައް ނުހިނގާތީ، އަދި އަޅުގަނޑާ ބައްދަލުކުރަން ބޭނުންވެގެން އެތައް ބައެއްގެ ޝަކުވާތަކެއް އަންނާތީ އަނެއްކާވެސް އަޅުގަނޑު، ސެކްރެޓަރީއަށް ދެންނެވީ އަޅުގަނޑަށް މަސައްކަތް ކުރެވެން އޮތް ގޮތަކަށް މަސައްކަތް ކުރަމުން ގެންދާނިއްޔޭ، އިތުރު ދެބަސްވުމަކަށް ނުގޮސް،" ޑރ.ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ އޭގެފަހުން ރީކޯ މޫސަ ކަންތައް ކުރައްވަނީ އޭނާ ބޭނުންފުޅުވާ ގޮތަކަށް ކަމަށާއި އޮފީހުގެ ރިސެޕްޝަން ވެސް ތިރިއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެއަށްފަހު އެނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ފުރަތަމަ ބުރީގައި ހުހަށް ހުންނަ މޭޒެއްގައި ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އެމްޑީޕީގެ އޮފީހަށް ޑރ. ޑީޑީ ވަޑައިގެންނެވި ފުރަތަމަ ދުވަހު އޮފީސް ތެރޭގައި މަސައްކަތްތައް ކުރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުވައިލައްވައި ޑރ. ޑީޑީ ވިދާޅުވެފައި ވަނީ ޕާޓީ އޮފީހުގެ އެންމެ ތިރީ ބުރީގައި ޕާޓީގެ މެންބަރުންނަށް ވެސް ވަދެވޭ ގޮތަށް ރަނގަޅު ސެޓަޕެއް ހަދައިގެން، މަސައްކަތް ކުރުމަށް ނިންމުމަށްފަހު، އެމަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމު ކުރެވޭނީ ރަނގަޅު ސެޓަޕެއް ގާއިމުކުރެވިގެން ކަމަށް ޕާޓީގެ ސެކްރެޓަރީގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި އޭރު ކުއްލިއަކަށް ރީކޯ މޫސަ ވަޑައިގެން ޕާޓީގެ އޮފީސްތެރެއަށް ބަދަލުތަކެއް ގެންނަވަން ހުށަހެޅުއްވުމުން، ޕާޓީ އޮފީސްތެރޭގައި ރަނގަޅު ސެޓަޕެއް ހަދައިގެން ބަދަލުތަކެއް ގެނައުމުގެ ހިޔާލެއް ކޮށްފައިވާ ކަމަށް ދަންނަވާފައިވާނެ ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވެފައިވެ އެވެ.

ޕާޓީ އޮފީސް ހިންގަމުން ގެންދަނީ ތިން ބައެއްގަ އެވެ. ފުރަތަމަ ބުރި އޮންނަނީ މީޓިންތައް ބޭއްވުމަށް ހުސްކޮށް ބޮޑު ކޮންފަރެންސް ހޯލެއްހެނެވެ. ގްރައުންޑް ފްލޯ ހުންނަނީ ޕާލިމެންޓް މެންބަރުންގެ ބައެއް ކަހަލަ އިދާރީ މަސައްކަތް ހިންގުމަށް ތައްޔާރުކޮށްފަ އެވެ. އަދި ސެކްރެޓޭރިއެޓްގެ މަސައްކަތްތައް ކުރަމުން ގެންދަނީ ދެވަނަ ފްލޯގަ އެވެ.