03 Jun 2017, 12:31
އެމްސްޓާޑަމް (ޖޫން 2): ނެދަލޭންޑްސްގައި ކުށްކުރާ މިންވަރު ދަށްވުމުގެ ސަބަބުން އެގައުމުގައި މިއަހަރު ވެސް ފަސް ޖަލު ބަންދު ކުރަން ނިންމައިފި އެވެ.
ދެހާސްހަތަރު ވަނަ އަހަރުން ފެށިގެން ނެދަލޭންޑްސްގައި ކުށްކުރާ މިންވަރު އަންނަނީ ދަށްވަމުންނެވެ. އޭގެ ސަބަބުން 2013 ވަނަ އަހަރު އެކަނިވެސް އެގައުމުން ވަނީ 19 ޖަލު ބަންދުކޮށްފަ އެވެ.
ނެދަލޭންޑްސްގެ ނޫސްތަކުގައިވާ ގޮތުން އެޖަލުތައް ބަންދު ކުރުމުން 2،000 މީހުންގެ ވަޒީފާ ގެއްލޭނެ އެވެ. އޭގެ ތެރެއިން 700 މީހުންނަށް ގާނޫނީ ދާއިރާއިން އެހެނިހެން ވަޒީފާތައް ދޭނެ ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.
ެނެދަލޭންޑްސްގެ ޖަލުތައް ހުސްވާ މައްސަލައާ ގުޅިގެން މިދިޔަ އަހަރު އެގައުމުން ވަނީ ނޯވޭއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އެގައުމުން 240 ގައިދީން ގެންގޮސްފަ އެވެ.
ނެދަލޭންޑްސްގައި ކުށްކުރާ މިންވަރު ދަށްވާ ސަބަބުތަކުގެ ތެރޭގައި ކުށްވެރިންނަށް އަދަބު ދިނުމުގެ ބަދަލުގައި ކުށްވެރިން އިސްލާހު ކުރުމަށް އިސްކަންދޭ ސިސްޓަމަކަށް އަމަލު ކުރުން ހިމެނެ އެވެ. އެގޮތުން އެގައުމުގެ އޭންކަލް މޮނިޓަރިން ސިސްޓަމްގެ ދަށުން ކުށްވެރިންނަށް މަސައްކަތަށް ނިކުތުމުގެ ފުރުސަތު ލިބެ އެވެ.
ދެހާސްއަށް ވަނަ އަހަރު ނެދަލޭންޑްސްގައި ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ކުށްވެރިން ޖަލަށްލުމުގެ ބަދަލުގައި އޭންކަލް މޮނިޓަރިން ސިސްޓަމް ބޭނުން ކުރުމުން ކުށް ކުރާ މީހުން އެކުށް ތަކުރާރު ކުރާ މިންވަރު ދެބައިކުޅަ އެއްބައި މަދުވެ އެވެ.
ނެދަލޭންޑްސްގައި އޮންނަ 17 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ޖަލަށް ލާފައި ވަނީ އެންމެ 11،600 މީހުންނެވެ. އެއީ ކޮންމެ 100،000 މީހުންގެ ތެރެއިން 69 މީހުންނެވެ.
އެއާ އަޅާބަލާއިރު އެމެރިކާގައި ކޮންމެ 100،000 މީހުންގެ ތެރެއިން 716 މީހުން ވަނީ ޖަލަށް ހުކުމްކޮށްފަ އެވެ. އަދި އެގައުމުގެ ޖަލުތަކުން މިނިވަންވާ މީހުންނަށް ސޯޝަލް ސާވިސަސް އާއި ރިހެބިލިޓޭޝަން ހިދުމަތްތައް ފޯރުކޮށްނުދިނުމުގެ ސަބަބުން ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު ކުށް ތަކުރާރު ކުރާ މީހުންގެ އަދަދުވެސް އިތުރުވެ އެވެ. (އިންޑިޕެންޑެންޓް)