ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރާ އާ ރަންވޭގެ ފައުންޑޭޝަން މަސައްކަތް ފަށައިފި އެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު "ސަން" އަށް ވިދާޅުވީ، މިމަހުން ފެށިގެން ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހަސަން ވިދާޅުވީ ހަ ލޭޔަރަށް އަޅާ އެ ރަންވޭގެ ފައުންޑޭޝަނަށް ފުރަތަމަ ސިމެންތި އަޅަނީ 270 މިލިމީޓަރަށް ކަމަށެވެ. އޭގެ ފަހުން 270 މިލިމީީޓަރަށް ސިމެންތި ކޮމްޕެކްޓްކުރަނީ އެވެ.

އާރަންވޭއަކީ 3400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އެއީ އޭ380 މަރުކާގެ ބޯޓްފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. އެ ރަންވޭއަކީ ހަ ފަށަލައެއް އެކުލެވިގެންވާ ރަންވޭއެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރާ އާ ރަންވޭގެ ފައުންޑޭޝަންގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ އެމްސީއެލް

އާ ރަންވޭ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އެއީ 400 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ޗައިނާއިން ވަނީ 373 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފަ އެވެ.

އާ ރަންވޭ އާ އެކު، އެ ސަރަހައްދުގައި ފަސް މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި 80،000 މީޓަރުގެ ބޮޑު ސަރަހައްދެއްގައި ޕަސެންޖާ ޓާމިނަލެއް އެޅުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. އެ ޓާމިނަލްގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެ އެވެ. އަދި ޒަމާނީ ފެންވަރަށް ހަދައި ހިޔާ ކޮށްފައިވާ 12 ޖެޓީއާއި ހަ އެއިރޯ ބުރިޖްގެ އިތުރުން ފިއުލް ހައިޑްޓްރެންޓް ސިސްޓަމަކާއި ހައި އެކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމެއް ގާއިމް ކުރާނެ އެވެ.