13 Jul 2011, 17:23
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މއ. ކިނބިގަސްދޮށުގެ ދައުލަތަށް ނެގުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ވަރަށް "ޒިންމާދާރުކަންކުޑަ" ގޮތެއްގައި ނިންމާފައިވާ ނިންމުމެއް ކަމަށާއި ކޯޓު އަމުރަކައި ނުލައި، އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުން ނެތި ދައުލަތަށް ނުނެގޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިސް ކައިރީގައި މިއަދު ހިނގި ހަމަނުޖެހުންތަކުގެ ތެރޭ، މަޖިލިސް އިދާރާގެ ކުރިމަތީގައި ރަތްދޫލަ އަޅައިގެން މަގުމަތީގައި ބޭއްވި ކުއްލި ޖަލްސާގައި މައުމޫންގެ އަމިއްލަފުޅު ގެކޮޅު، ކިނބިގަސްދޮށުގެ ދައުލަތަށް ނެގުމަށް ސިޓީ ކައުންސިލުން ފާސްކުރި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައިވަނީ، ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ ދަށުން "މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނޭ ތަކެއްޗެއް ނޫންކަން" ހަނދާންކޮށްދީފައި އެވެ.
"..މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ ތަކެއްޗެއް ނޫން ކަމަށާއި އާއްމުވެގެންވާ މަންފާއަށްޓަކައި، ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓަކުން ކަނޑައަޅާ އަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައި ކަމަށް ބުނެފައިވީ ހިނދު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި މިއަދު ބައްވައި، މާލެ ސިޓީ ކައުންސިލުން މއ. ކިނބިގަސްދޮށުގެ ދައުލަތަށް ނެގުމަށް ނިންމި ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ފަދައިން ނިންމާފައިވާނަމަ އެ ނިންމުމަކީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ނިންމާފައިވާ ނިންމުމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދެކެމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ގާނޫނު އަސާސީގެ އެންމެހާ ހަމަތަކާއި، ގާނޫނާއި، އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ބާރުތަކުގެ ތެރޭ ހިމެނޭ ކަމެއް ކަން ވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ހަނދާންކޮށްދީފައި އެވެ.