03 Jun 2017, 11:24
ރަކޭލް އަކީ އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ޑިޓްރޮއިޓްގައި މަސައްކަތް ކުރި ފުލުސް އޮފިސަރެކެވެ. ފުލުހެއްގެ ގޮތުގައި އޭނާ ވަނީ އަށް އަހަރު މަސައްކަތް ކޮށްފަ އެވެ. އެއީ 1996 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމަ އަށެވެ.
ވަރަށް ނަމޫނާ އަންހެން ފުލުހެއްގެ ގޮތުގައި ފާހަގަ ކޮށްލެވުނު ރަކޭލް އަށް ހަޔާތުގައި އެންމެ ބިރުވެރި ތަޖުރިބާއެއް ކުރަން ޖެހުނީ 2002 ވަނަ އަހަރު އެވެ. މަގުމަތީގައި އޭނާގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާގެ ގަޔަށް އެރި ވަޒަން ވެގެން ދިޔައީ އޭނާގެ ހަޔާތް މުޅިން ބަދަލުކޮށްލި ކަމަކަށެވެ.
ފަރުވާ ހޯދުމަށް އެތައް ދުވަހަކު ހޮސްޕިޓަލުގައި އޮތް އިރު، އޭނާގެ ގަޔަށް އެރި ވަޒަނުގެ ސަބަބުން މަރާ މެދު ވިސްނަން އޭނާ އަށް މަޖުބޫރުވި އެވެ. ރަކޭލް ސަލާމަތްވީ މަރުގެ ތުންފަތް މަތިންނެވެ. އެ ދުވަހު އޭނާ މަރުވި ނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މަރުވުމަށް ފަހު ދެން އަންނަނީ ކޮން ކަމެއް ހެއްޔެވެ؟
ނަމަވެސް މަރުގެ ތުންފަތް މަތިން އޭނާ ސަލާމަތް ކުރެއްވީ އެވެ. އޭނާ އަށް މުޅިން އާ ފެށުމެއް ލިބުނީ އެވެ. އޭނާ އަށް ގަބޫލު ކުރެވުނީ އެއީ މުޅިން އައު ފަތިހެއް ކަމަށެވެ. އޭނާގެ ދިރިއުޅުން ބަދަލުކުރުމަށް ލިބުނު ދެވަނަ ފުރުސަތެއް ކަމަށެވެ.
އެއާއެކު އެކި ދީންތައް ދަސްކޮށް، ހައްގު ދީނަކީ ކޮބައިކަން ހޯދުމުގެ މަސައްކަތް އޭނާ ފެށި އެވެ. އެކަމުގައި އޭނާ އަށް އެންމެ ބޮޑަށް އެހީވީ އޭނާގެ މުސްލިމް އެކުވެރިންނެވެ. އިސްލާމް ދީނުގެ ކަންކަން އެކުވެރިން ރަކޭލް އަށް ކިޔައިދިނެވެ.
އެމެރިކާގައި މުސްލިމުންނާއި ކަޅު ނަސްލުގެ މީހުންނާ މެދު ވަރަށް ބޮޑެތި ތަފާތު ކުރުން ތަކެއް ގެންގުޅެ އެވެ. ނަމަވެސް ރަކޭލް އަށް އަބަދުވެސް އެކަން އުނދަގޫ ކުރުވި އެވެ. ރަކޭލްގެ މުސްލިމް އެކުވެރިން ތިބުމުގެ އިތުރުން އޭނާ އާއެކު މުސްލިމް ފުލުހުންގެ މަސައްކަތް ކުރާ އިރު، މުސްލިމުންނަކީ ހިތްހެޔޮ، އަޚްލާގު ރަނގަޅު މީހުން ކަން އޭނާ އަށް އެނގެ އެވެ.
ކަމަކާ ނުލައި މުސްލިމުންނަށް ހަމަލާ ދިނުމާއި ފުރައްސާރަ ކުރުން ފަދަ އަމަލުތަކުގެ ސަބަބުން ރަކޭލް ބޭނުންވީ އިސްލާމް ދީން އިތުރަށް ދަސްކުރާށެވެ. އިތުރަށް މައުލޫމާތު އޮޅުން ފިލުވަމުން ދިޔަ ވަރަކަށް އޭނާ އަށް އިސްލާމް ދީނުގެ ހަގީގަތް އެނގި، އެއީ ހައްގު ދީން ކަން ގަބޫލު ކުރެވެން ފެށި އެވެ. އަދި ﷲ އަކީ އެއްކައުވަންތަ ކަލާނގެ ކަމާއި އިސްލާމް ދީނަކީ އަމާން ކަމުގެ ދީީންކަން ޔަގީންވި އެވެ.
ރަކޭލް އަކީ މިހާރު މުސްލިމެކެވެ. އޭނާ މިހާރު މަރު ދެކެ ބިރެއް ނުގަނެ އެވެ. މަރު އައިސް ބައްދަލު ކުރާ އިރު، އޭނާގެ ނަފްސު ތާހިރު ވެފައިވާ ކަމުގެ ޔަގީން ކަން އެބަ އޮތެވެ. އޭނާ މިހާރު ބިރުވެތިވަނީ އެންމެ ފަރާތަކަށެވެ. މަރު އައިސް ތިމާގެ ދޮރުގައި ޓަކި ޖަހާނީ މާދަމާ ނޫން ކަމެއް ވެސް ނޭނގެ އެވެ. ވީއިރު ތެދުމަގަށް ފުރަގަސް ދޭންވީ ކީއްވެ ހެއްޔެވެ؟
ރަކޭލް އަށް އަދި އަރަބި ބަސް ދަހެއް ނުވެ އެވެ. ނަމަވެސް ދުވާލުގެ ފަސް ނަމާދުގައި ވެސް ހުރިހާ ތަކުބީރަކާއި ޒިކުރުތަކެއް އޭނަ ކިޔަ އެވެ. ޒިކުރުތަކާއި ދުއާ ތައް އަރަބިން އަޑުއެހުމަށް ފަހު އިނގެރޭސިން ލިޔެގެންނެވެ. އަދި ކޮންމެ ދުވަހަކު ވެސް ޤުރްއާނުގެ އިނގެރޭސި ތަރުޖަމާ ވެސް އޭނާ ކިޔަވަ އެވެ.
އޭނާ އަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ނަމާދުންނެވެ. ނަމާދު ކުރާ ވަގުތު އޭނާ އަށް ރައްކާތެރިކަމާއި ހަމަޖެހުން އިހުސާސް ކުރެވެ އެވެ. އޭގެ އިތުރުން، އައުރަ ނިވާކުރުމަކީ ވެސް އޭނާ އަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާ ދިރިއުޅޭ ވޭގަސް އަކީ ފާޑެއްގެ ތަނެކެވެ. ފިރިހެނުން އަބަދުވެސް ތިބެނީ އަންހެނުންނަށް ބަލަހައްޓައިގެންނެވެ. ރަކޭލް އަށް އެކަމުން ވަރަށް އުނދަގޫ ވެ އެވެ. ނަމަވެސް ބުރުގާ އަޅައި، ހެދުން އެޅުން ބަދަލު ކުރުމުން ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަ ދިމައެއް ނުވެ އެވެ.
ރަކޭލް އިސްލާމްވި ކަމެއް އޭނާގެ މައިންބަފައިންނަކަށް ނާންގަ އެވެ. އޭނާގެ މައިންބަފައިންނަކީ ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ކްރިސްޓިއަނުންނެވެ. އެމީހުން ގަބޫލު ކުރާ ކަންތައްތަކަށް ރަކޭލް އެންމެ ކުޑަ އިރުވެސް ދެކޮޅު ހެދުމުގެ ނަތީޖާ އަކަށްވީ އޭނާ ބާކީ ކޮށްލުމެވެ. އޭނާ އިސްލާމް ދީން ގަބޫލު ކުރިކަން އެނގިއްޖެ ނަމަ ދެން ވާނެ ގޮތެއް ވެސް ނޭނގެ އެވެ.
މަންމަ އާއި ބައްޕަގެ ދީނުން އޭނާ އަށް ދިނީ އަނިޔާ އެވެ. ހިތާމަ އެވެ. ނަމަވެސް އިސްލާމް ދީން އޭނާ އަށް އިހުސާސް ކޮށްދިނީ ރައްކާތެރިކަމާއި އުފާވެރި ކަމެވެ. އެހެންކަމުން އިސްލާމް ދީނުގައި ތާ އަބަދަށް ދެމި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
ރަކޭލް އަށް އިސްލާމް ދީނުގައި ސާބިތުކަން ދެއްވާށި އެެވެ. އާމީން