މެނީލާ (ޖޫން 3) : ފިލިޕިންސްގެ ވެރިރަށް މެނީލާގެ ރިސޯޓް އެކުވެންޏެއް ކަމަށްވާ "މެނީލާ ރެސޯޓްސް ވޯލްޑް"ގެ ކެސިނޯއަށް ބުރާސްފަތި ދުވަހު ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވީ ނަމަވެސް އެއީ ޓެރަރިސްޓް ހަމަލާއެއްނޫން ކަމަށް ފިލިޕީންސުން ބުނެފި އެވެ.

ފިލިޕީންސްގެ ރިޔާސީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މެނީލާ ރެސޯޓްސް ވޯލްޑް"ގެ ކެސިނޯ އިމާރާތަށް ދިން ހަމަލާއާއި އައިއެސް ޖަމާއަތާ ގުޅުންނެތް ކަމަށާއި އެއީ ފައިސާގެ ދަހިވެތިކަމުގައި ވައްކަން ކުރުމުގެ ގޮތުން ވަގުންގެ ބަޔަކު ދިން ހަމަލާތަކެއް ކަމުގައެވެ.

ބަޑިން ދިން މިހަމަލާތަކުގައި ތިރީސް އަށް މީހުން މަރުވެފައިވާއިރު އޭގެތެރޭގައި ހަމަލާދިން މީހާވެސް ހިމެނެ އެވެ. އޭނާގެ ހަމަލާގައި މަރުވީ އެތަނުގައި ޖުވާކުޅެން ތިބި މީހުންނާއި އެތަނުގެ މުވައްޒަފުންނާއި އެރެސޯޓްގެ ބައެއް ފަތުރުވެރިންނެވެ. ހަމަލާދިން މީހާ މަރާލީ ފުލުހުން ކަމަށް ބައެއް ރިޕޯޓްތައް ބުނާއިރު އަނެއްބައި ރިޕޯޓްތައް ބުނަނީ އޭނާ އަމިއްލަ ބޮލަށް ބަޑިޖަހައިގެން މަރުވީކަމުގަ އެވެ.

މިހަލާދިނީ އެކަކު ކަމަށް ފިލިޕީންސްގެ ފުލުހުން ބުނިނަމަވެސް މޫނު ނިވައިކޮށްގެންތިބި އެތައް ބަޔަކު އެތަނުން ފެނިފައިވެ އެވެ. މިއީ ހަމަލާދިން މީހާގެ ބައިވެރިންކަމަށް ވަނީ ބެލެވިފަ އެވެ. ހަމަލާދިނީ ބަޑިންނާއި ގޮވާތަކެތި ބޭނުންކޮށްގެންނެވެ. ހަމަލާތައް ދިނީ ކެސިނޯ ހުންނަ އިމާރާތުގެ ދެވަނަ ފަންގިފިލައަށެވެ. މިހާރު އެ ރިސޯޓް އެކުވެނިވަނީ ފިލިޕީންސްގެ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހްގީގް ކުރަމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް ފލިޕީންސްގެ އެކި ސަރަހައްދުތަކުގައި އަތްފުނާ އަޅަމުންނެވެ.

ހަމަލާދިން ކަމަށް ބެލެވޭ މީހާ

"މެނީލާ ރެސޯޓްސް ވޯލްޑް"ގެ ކެސިނޯއަށް ހަމަލާދިން ބަޔަކު ހޯދަމުން ދާކަމަށް ފިޕިލީންސްގެ ފުލުހުން ބުނެފައި ވަނިކޮށް، އިސްލާމިކް ސްޓޭޓްސް، އައިއެސްއިން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފަ އެވެ. އެޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނާގޮތުން "މެނީލާ ރެސޯޓްސް ވޯލްޑް"ގެ ކެސިނޯއަށް މިދިޔަ ބުރާސްފަތި ދުވަހު ހަމަލާދިނީ ފިލިޕީންސްގައި ހަރަކާތްތެރިވާ އައިއެސްގެ ގޮފިންނެވެ. ފިލިޕީންސްގައިވެސް އައިއެސް އަށް ހަނގުރާމަވެރިން ރެކްރޫޓްކުރުމުގެ މަސައްކަތް ސިއްރިޔާތުގައި ކުރަމުން ގެންދެ އެވެ.

މިކަންކުރަނީ އެގައުމުގެ ޒުވާނުންނަށް ބޮޑެތި އަދަދުތަކުން ޑޮލަރު ދީގެން ކަމަށާއި އައިއެސްގެ ދަލުގައި ގިނައިން ޖެހެނީ ތަކްފީރީ ހަރުކަށި ވިސްނުމުގެ ޝިކާރައަކަށްވެފައިވާ ނަފްސާނީ ބަލިމީހުންނާއި ވައްކަމާއި ލޫޓުވުން ފަދަ ބޮޑެތި ޖަރީމާތައް ހިންގާ މުޖްރިމުންނާއި ގޭންސްޓާރުންނާއި މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުން ކަމަށް ޚަބަރުތައް ބުނެ އެވެ.

ފުލުހުން ބުނާ ގޮތުން ހަމަލާދިން މީހުން ފުރަތަމަ މަސައްކަތްކުރީ ކެސިނޯގައިވާ ޑޮލަރުތައް އަތުލައިގަނެ ތަންލޫޅުވާލުމަށް ފަހު ސަލާމަތުން ފިލުމަށެވެ. އެކަން ނުވުމުން ބަޑިން ހަމަލާދީ އަންހެނުންނާއި ފިރިހެނުން މަރައި ތަނުގައި އަލިފާން ވެސް ޖެހީ އެވެ. (ނޫސްއެޖެންސީތައް)