03 Jun 2017, 10:16
އާއްމުކޮށް ފަތުރުވެރިން ނުވަތަ ދަތުރުވެރިންނަކީ އެމީހަކު ދާ ތަންތަނުގެ ފޮޓޯތައް ނަގާ ހަނދާނަށް ބަހައްޓަން ބޭނުންވާ މީހުންނެވެ. ހާއްސަކޮށް ރީތި ތަންތަނުގެ ފޮޓޯ ނަގައި އެހެން މީހުންނަށް ދެއްކުމަށް އެ ފޮޓޯތައް ސޯޝަލް މީޑިއާއާ ހިއްސާކުރާ މީހުން ގިނަވާނެ އެވެ.
ސްވިޒަލޭންޑުގެ ފަރުބަދަމަތީގައި އޮންނަ ބާގެން ނަމަކަށް ކިޔާ އަވަށަކީ ވެސް އެގޮތުން ރީތި ތަނެކެވެ. ނަމަވެސް އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެތަނުގެ ރީތިކަން ދެއްކޭނެ ގޮތެއް ނޯވެއެވެ. ސަބަބަކީ އެ އަވަށުގެ ފޮޓޯ ނެގުން މަނާ ކޮށްފައި އޮންނާތީ އެވެ.
ސްވިޒަލޭންޑްގެ ލަގްޒަރީ ރިސޯޓް ސަހަރެއް ކަމަށްވާ ސްޓޭޓް މޮރިޓްޒް ކައިރީގައި އޮންނަ އެ އަވަށުގެ މީހުން ދެކޭގޮތުގައި، އެމީހުންގެ އަވަށަކީ ވަރަށް ވެސް ރީތި ތަނެކެވެ. އަދި އެތަނަށް ޒިޔާރަތްކުރާ މީހުން އަވަށުގެ ފޮޓޯތައް ނަގައި ސޯޝަލް މީޑިއާއާ ހިއްސާކުރުމުން އެހެން މީހުން އެކަމާ ދެރަވާނެ އެވެ.

ސްވިޒަލޭންޑްގެ ފަރުބަދަ މަތީ އަވަށެއް ކަމަށްވާ ބާގެން ---
"ސައިންޓިފިކަލީ ހާމަވާން އޮތް ކަމަކީ ޗުއްޓީގައި ނަގާ ރީތި ފޮޓޯތައް ސޯޝަލް މީޑިއާއާ ހިއްސާކުރުމުން އެހެން މީހުން އެތަނަކަށް ނުދެވިދާނެތީ ދެރަވޭ،" ބާގެންގެ ފަތުރުވެރިކަމާ ބެހޭ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިއީ އެއަވަށުގެ މީހުން މަޖަލަކަށް ނޫނީ ދެއްކުމުގެ ގޮތުން ކިޔައިގެން އުޅޭ ކަމެއް ނޫނެވެ. އެ އަވަށުގެ ފޮޓޯ ނެގުން މަނާކޮށް އެކަމަށް ގާނޫނެއް ފާސްކޮށްފައިވާއިރު، ގާނޫނު ބުނާގޮތުން އެ އަވަށުގެ ފޮޓޯ ނަގައިގެން ފަޅާ އަރައިފިނަމަ ފޮޓޯ ނެގި މީހަކު ފަސް ޔޫރޯ (86 ދިވެހި ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.
ބާގެންގެ މޭޔަރު ޕީޓާރ ނިކޮލޭ ވިދާޅުވީ، އެ އަވަށުން ބޭރު މީހުން ދެރަކުރަން އެ އަވަށުގެ ރައްޔިތުން ބޭނުން ނުވާ ކަމަށާއި އެހެންކަމުން އަވަށުގެ ރީތިކަން އަމިއްލައަށް ބަލާލުމަށްޓަކާ އެންމެންނަށް އެ އަވަށަށް ދައުވަތުދޭ ކަމަށެވެ.