ސްވިޒަލޭންޑުގެ މަޝްހޫރު ސްވިސް އައިސް ކްރީމް، މޫވެންޕިކްގެ އައުޓްލެޓެއް މާލޭގައި މިރޭ ހުޅުވައިފި އެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި މޫވެންޕިކްގެ އައުޓްލެޓެއް ހިންގި އެވެ. އޭރު ހިންގީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

އަބަދަށްފެހި މަގުގައި މިރޭ އެ އައުޓްލެޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޫވެންޕިކްގެ ބުޓިކް ޑިވެލޮޕްމެންޓް މެނޭޖަރު ތިއެރީ ނޫރީ ވިދާޅުވީ އެ ބްރޭންޑުގެ އައިސް ކްރީމް ހަދަމީ މުޅި ދުނިޔޭގައި ވެސް ލިބެން ހުންނަ އެންމެ ރަނގަޅު ކޮލިޓީގެ ތަކެތި ބޭނުންކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވީބީ ބްރަދާސްއާ ގުޅިގެން ރާއްޖޭގައި މޫވެންޕިކްގެ ޕްރެޒެންސް އިތުރު ކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގައި މިރޭ ހުޅުވި އައުޓްލެޓަކީ އެގޮތުގެ މަތިން އެޅިގެން ދިޔަ ބިންގަލެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މިރޭ މާލޭގައި ހުޅުވީ 140 އަކަފޫޓުގެ އައުޓްލެޓެކެވެ. އެތަނުން މޫވެންޕިކް އައިސްކްރީމް ބޭނުންކޮށްގެން އުފައްދާ އެކި ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުންނާނެއެވެ.

މޫވެން ޕިކް ގެ އައުޓެލްޓް -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ނޫރީ ވިދާޅުވި ގޮތުގައި މާލޭގައި މިރޭ ހުޅުވި އައުޓްލެޓު ވެގެންދާނީ މިވަގުތު ދުނިޔޭގައި ވެސް ހުރި އެ ބްރޭންޑުގެ އައިސްކްރީމް ވިއްކާ އެންމެ އައުޓްލެޓުތަކުގެ ތެރެއިން އައުޓްލެޓަކަށެވެ. މި ވަގުތު އެންމެ ބޮޑު އައުޓްލެޓެއް ހުންނަނީ އޮސްޓްރޭލިއާގެ ސިޑްނީގަ އެވެ. އެތަނުގެ ބޮޑު މިނަކީ 150 އަކަފޫޓެވެ.

މޫވެން ޕިކްގެ ރާއްޖޭގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ޔޫމާން ސައީދު ވިދާޅުވީ މޫވެންޕިކްގެ 20 އަށްވުރެ ގިނަ ފްލެވާ ހުންނަ ކަމަށާއި އެ އައުޓްލެޓުން 17 ފްލޭވާ ލިބެން ހުންނާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ބްރޭންޑުގެ އައުޓްލެޓުތައް ގާއިމް ކުރުމަށް އެ ކުންފުނިން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޫވެންޕިކްގެ ދިވެހި ފްރާންޗައިސަކީ ވީއެޗް ހޯލްޑިންސް އެވެ.