ފުއައްމުލަކު ގޮނޑުދޮށުން ވެލި ނެގުން ހުއްޓުވަން ފުލުހުން މަސައްކަތް ނުކުރާ ކަމަށް ބުނެ ފުވައްމުލަކު ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ މެންބަރުން މިއަދު އެރަށުގެ ފުލުސް މަރުކަޒަށް ވަޑައިގެން ޝަކުވާ ހުށަހަޅުއްވައިފި އެވެ.

ނާޒުކު ތިމާވެއްޓެއް އޮންނަ ފުވައްމުލަކުގެ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ސައީދު މިއަދު ވިދާޅުވީ، ފުވައްމުލަކު ގޮނޑު ދޮށުން ވެލި ނެގުން ހުއްޓުވައި ދިނުމަށް ދެ ފަހަރެއްގެ މަތިން ފުލުހުންނާއި މަޝްވަރާކޮށް ސިޓީ ވެސް ފޮނުވާފައިވާނެ ކަމަށެވެ. ގޮނޑުދޮށުން ވެލި ނަގާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު ފުލުހުން އަޅާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ކައުންސިލުގެ މެންބަރުން ސިޓީއެއް ހިއްޕަވައިގެން ހިންގަވާފައި އެ ރަށުގެ ފުލުސް މަރުކަޒަށް ވަޑައިގަތީ ރަށުގެ ބައެއް ޒުވާނުން ވެސް ގޮވައިގެންނެވެ. އޭގެ ތެރޭގައި އެރަށުގައި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމާއަތްތަކުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތައް ހިމެނެ އެވެ.

"ގެއަކުން ވައްކަން ކުރީމާ އެބޭފުޅުން ހޯދައިގެން އެބަގެނޭ. އަޅުގަނޑުމެން މި އެދެނީ ވެލި ނަގައި ދިމަދިމާ އެބޭފުޅުންނަށް އެނގޭއިރު އެ ނަގާ ފަރާތްތައް އެނގޭއިރު އެނަގާ ވެލިވެސް އަތުލައި އެ ވެލިތައް ނެގި ހިސާބަކަށް އަޅަން ޖެހޭނޭ. އެފަދަ ފިޔަވަޅުތައް އަޅުއްވާ ދެއްވާށޭ،" ސައީދު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިޔާ ކޯޑިނޭޓާ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ފުވައްމުލަކު ގޮނޑުދޮށުން ވެލިނަގައި މައްސަލައިގައި ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުން ކަމަށެވެ. އެ ސިޓީއާ ގުޅިގެން ކައުންސިލަށް ދޭންޖެހޭ އިތުރު އެއްބާރުލުމެއް އޮތްނަމަ އެ އެއްބާރުލުމެއް ދެއްވާނެކަމައްވެސް ޝިޔާމް ވިދާޅުވި އެވެ.

"ކެޕޭސިޓީ ހުރިވަރަކުން އިތުރު އެއްބާރުލުމެއް ކައުންސިލްތަކަށް ދޭންޖެހޭނަމަ އަޅުގަނޑުމެން ދޭނަން. އަދި ދެމުން އަންނަނީވެސް. އެ ގޮތުން ފުއައްމުލަކުގައިވެސް އެސިޓީއާ ގުޅިގެން އިތުރު އެއްބާރުލުމެއް ދޭންޖެހޭނަމަ އެ އެއްބާރުލުން ދޭނަން،" ޝިޔާމް ވިދާޅުވި އެވެ.