02 Jun 2017, 21:26
ޖުބާ، ދެކުނު ސޫދާން (އޭޕީ) ފަރުވާ ކުޑަކޮށްދިން މީސަލް ވެކްސިންތަކެއްގެ ސަބަބުން ދެކުނު ސޫދާންގައި 15 ކުއްޖަކު މަރުވެއްޖެ އެވެ. މަރުވި ކުދިންގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ފަސް އަހަރުން ދަށުގެ ކުދިންނެވެ.
ދެކުނު ސޫދާންގެ ދެ މިލިއަނަށްވުރެ ގިނަ ކުޑަކުދިންނަށް އަމާޒު ކޮށްގެން އެގައުމުގައި ފަށައިގެން ކުރިއަށްދާ ހިމަބިހި ކެމްޕެއިންގެ ދަށުން ވެކްސިން ދިނުމުގެ ސަބަބުން މަރުވެފައި ވަނީ އަވަށްގަނޑު ހިސާބެއްގެ ކުދިންތަކެކެވެ.
ކެމްޕެއިންގެ ދަށުން ކުދިން މަރުވި ހިސާބުގެ 300 ކުއްޖަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައި އޮތްއިރު، ހާދިސާގެ ސަބަބުން އެ ހިސާބުގައި ވެކްސިން ދިނުން ވަނީ މެދުކަނޑާލާފަ އެވެ.
ހާދިސާއާ ގުޅިގެން އދ. ގެ ކުޑަކުދިންނާބެހޭ އެޖެންސީ، ޔުނިސެފް އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، މީސަލްސް ވެކްސިން ދިނުމަށް ހިންގި ހަތަރު ދުވަހުގެ ކެމްޕެއިންގައި މަރުވެފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅު ކަމަށެވެ.
އެ ހާދިސާގައި އިތުރު 32 ކުއްޖަކު ހުންއައިސް، ހޮޑުލައި ބޭރަށް ހިންގުން ޖެހުނު ނަމަވެސް ފަހުން ވަނީ ރަނގަޅުވެފަ އެވެ.
ޔުނިސެފް އަދި ޑަބްލިއުއެޗްއޯއިން ބުނީ، މަރުވި ކުދިން ގަޔަށް ވެކްސިން ޖަހަން ބޭނުންކޮށްފައިވަނީ އެއް ސިރިންޖެއް ކަމަށާއި ވެކްސިންތައް ހުރީ ވެސް ބަހައްޓަންޖެހޭ ފިނިހޫނު މިނުގައި ނޫން ކަމަށެވެ.
އޭގެ އިތުރުން އެ ގައުމުގެ ދެ މިލިއަނަށްވުރެ ގިނަ ކުޑަކުދިންނަށް އަމާޒު ކޮށްގެން ފަށާފައިވާ ހިމަބިހި ކެމްޕެއިންގެ ދަށުން ވެކްސިންތަކާއެކު ދެކުނު ސޫދާންގެ ހެލްތު މިނިސްޓްރީ އަދި ޔުނިސެފްގެ އޮފިޝަލުންނަށް ތަމްރީން ދިން ނަމަވެސް، މަރުވި ކުދިންނަށް ވެކްސިން ދިނުމުގައި ހަރަކާތްތެރިވެފައި ވަނީ އެއްވެސް ތަމްރީނެއް ނެތް މީހުން ކަމަށް ބުނެފައިވެ އެވެ.
ދެކުނު ސޫދާންގެ ހެލްތު މިނިސްޓްރީން ބުނީ، އެ ހާދިސާ ހިނގާފައިވަނީ ގަވާއިދާ ހިލާފުވުމުން ކަމަށެވެ. އަދި އެކަމުގެ ޒިންމާ އުފުލަންޖެހޭ މީހުން ދެނެގަތުމަށް ހާއްސަ ކޮމިޝަނެއް އެކުލަވާލައި އާއިލާތަކަށް ބަދަލު ދޭންޖެހޭނެ ކަމަށް ބަލަމުންދާ ކަމަށެވެ.
ތިން އަހަރަށްވުރެ ދިގު ލައިގެން ގޮސްފައިވާ ދާހިލީ ހަނގުރާމައިގެ ސަބަބުން ވީރާނަވެފައިވާ ދެކުނު ސޫދާންގައި މީސަލްސް ނުވަތަ ހިމަބިހި ފެތުރިގެންދިއުމަކީ ކާބޯތަކެއްޗަށް ޖެހި އަދި ކޮލެރާގެ މަލިމަޑުކަމެއް ފެތުރިގެންދާ އެ ގައުމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ.