02 Jun 2017, 17:11
އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ޖޯޖް ސަމްޕައޮލީ ރަސްމީކޮށް ހަމަޖައްސައިފިއެވެ.
ސްޕެއިންގެ ސެވިއްޔާއަށް ކުރީން އިރުޝާދުދިން ކޯޗު، އާޖެންޓީނާގެ ގައުމީ ޓީމާ ހަވާލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
"މިއީ އަހަރެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން. އަހަރެން އަބަދުވެސް އުންމީދުކުރަމުން އައީ ކޮންމެވެސް ދުވަހަކުން މި ޓީމާ ހަވާލުވާން،" އާޖެންޓީނާގެ ވެރިރަށް ބުއެނަސް އައިރީސްގެ އެޒީޒާގައި ހުންނަ އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) ހެޑްކުއާރޓާޒްގައި ވާހަކަދައްކަމުން ސަމްޕައޮލީ ބުންޏެވެ.
"އަހަރެން ޝުކުރު އަދާކުރަން އޭއެފްއޭގެ ޕްރެޒިޑެންޓް ކްލައުޑިއޯ ޓަޕިއާއަށް.
"މި ކޮންޓްރެކްޓް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ދެމިގެން ދާނެ. އަހަރެން އުންމީދުކުރަން އާޖެންޓީނާގެ ރައްޔިތުންނަށް މުހިއްމު ކަމެއް ކޮށްދެވޭނޭ ކަމަށް."
އާޖެންޓީނާގެ ކޯޗުކަމަށް ސަމްޕައޮލީ ހަމަޖައްސާފައި މިވަނީ، އެޑްގާޑޯ ބައުޒާ އެޓީމުގެ ކޯޗުކަމަށް ހަމަޖެއްސިތާ އަށް މަސްދުވަސް ފަހުން، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އޭނާ މަގާމުން ދުރުކުރުމުންނެވެ.
އާޖެންޓީނާއަށް އިރުޝާދުދިނުމަށް މީގެ ކުރީން ހަވާލުވި ކޯޗުންގެ ބެލުމުގެ ދަށުން އެޓީމު ވަނީ، ޖެހިޖެހިގެން ބޮޑު ތިން މުބާރާތެއްގެ ފައިނަލަށް ދަތުރުކޮށްފައެވެ. އޭގެ ތޭރޭގައި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްވެސް ހިމެނެއެވެ. އެ ތިން ފައިނަލުންވެސް އާޖެންޓީނާވަނީ ބަލިވެފައެވެ.