02 Jun 2017, 16:43
ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހިނގައިދިޔަ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ހާލު ޖެހުނު ފަރާތްތަކަށް ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުން އެ ގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނަ ޝުކުރު އަދާ ކުރައްވައިފި އެވެ.
ދިވެހި ސަރުކާރަށް ސިރިސޭނާ ޝުކުރު އަދާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ލަންކާއަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު ޢާސިމާ ބައްދަލު ކުރައްވަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ސިރިސޭނާ ވަނީ އެގައުމަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ އެ ދަނޑިވަޅުގައި ދިވެހި ސަރުކާރުން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވެ، ރާއްޖެ އާއި ލަންކާގެ ގުޅުމަށް ތައުރީފު ކުރައްވާފަ އެވެ.
މީގެ އިތުރުން ރާއްޖެ އާއި ސްރީލަންކާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ މައްޗަށް ބައްލަވައިލައްވަމުން، އެ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ސްރީލަންކާގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާގެ މަންދޫބު މަޝްވަރާ ކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ފަރާތުން، ޑރ. އާސިމް ވަނީ ތައުޒި އާއި ހަމްދަރުދީ ވިދާޅުވެފަ އެވެ.
އަދި އެ ހާދިސާގައި ގެއްލުންވި އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާ ސަރުކާރުން އެޅުއްވި އަވަސް ފިޔަވަޅަށް ތައުރީފު ކުރައްވައި، މި ހިތާމަވެރި ހާދިސާގެ ސަބަބުން ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ސްރީލަންކާގައި ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކާމިޔާބީއަށް އުއްމީދު ކުރައްވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ އަރިހުގައި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒާހިޔާ ޒަރީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ އާމިނަތު ޢަބްދުﷲދީދީ އާއި، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރު ކައުންސެލަރު ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވި އެވެ.
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، ހާލުގައި ޖެހުނު ފަރާތްތަކަށް ރާއްޖެއިން ފޯރުކޮށްދިން އެހީގެ ތަފްސީލެއް ދިވެހި ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެހީގެ ގޮތުގައި ފޯރުކޮށްދިނީ ފައިސާ ކަމެއް އަދި ތަކެތި ކަމެއް ވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ.