މިދިޔަ ހަފްތާ ތެރޭގައި ރާއްޖޭ އާއި އިންޑިއާގެ މީޑިއާތަކުގައި އޮތީ ބޮލީވުޑްގެ ސުޕަ ސްޓާރު އަޖޭ ދޭވްގަންގެ ފޮޓޯ ތަކެވެ. ޗުއްޓީ ހޭދަކުރުމަށް އަންހެނުން ކާޖޮލް އާއި ދެކުދިންނާއެކު އަޖޭ ރާއްޖޭގައި އުޅޭ ވާހަކަތެކެވެ.

ކަންދިމާކުރި ގޮތުން "ގޯލްމާލް ރިޓާންސް"ގެ ކޯ ސްޓާރު އަދި މަޝްހޫރު ބޮލީވުޑް ފިލްމު، "މުންނާ ބާއީ އެމްބީބީއެސް" އިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި އާރްޝަދް ވާރްސީ ވެސް ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގައެވެ.

އަންހެނުން މާރިއާ އާއި ދެ މީހުންނަށް ލިބިފައިވާ ދެކުދިން ކަމަށްވާ ޒެކެ އަދި ޒެނެއާއެކު އަރްޝަދު ޗުއްޓީ ހޭދަކުރަމުންދަނީ އދ. އަތޮޅުގައި އޮންނަ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގައެވެ. އެ ސަރަހައްދަކީ ރާއްޖެއަށް މިހާރު ކުރަމުން ގެންދާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށްކުރަމުން އަންނަ ހިސާބުގަނޑެވެ.

ނަމަވެސް އަރްޝަދުގެ އާއިލާއިން ޗުއްޓީގައި ނެގި މަޖަލަކަށް އެކަމުގެ އަސަރެއް ނުކުރި އެވެ. އޭނާގެ އިންސްޓަގުރަމް އެކައުންޓަށް މީގެ ދުވަހެއް ކުރިން ހިއްސާކޮށްފައިވާ ވީޑިއޯ އިން އެކަން ފެނެއެވެ.

ވީޑިއޯގައި އަރްޝަދުގެ އަންހެން ދަރިފުޅު ޒެނޭ މޫދަށް ދާނެތަން އޭނާގެ މަންމަ، މާރިއާ އަށް ދެއްކުމަށްފަހު ސްނޯކްލިންއަށް ދާތަން ފެނެއެވެ. އަދި ފަހުން ރިސޯޓް ތެރޭގައި ދެމައިން ބައިސްކަލް ދުއްވާ ތަނާއި އަރްޝަދްގެ ދެ ކުދިން ޕޫލް ތެރޭގައި ޖަހާ ސަކަރާތް ފެނިގެންދެއެވެ.

ފަހުން ޓްވިޓާ އެކައުންޓުގައި ވެސް އަރްޝަދް ވަނީ ރާއްޖޭގައި އޭނާ ހޭދަކުރާ ޗުއްޓީގެ ފޮޓޯތަކެއް ހިއްސާ ކޮށްފައެވެ. އޭގެން އެއް ފޮޓޯއެއްގައި އަރްޝަދް އޭނާގެ ދެ ކުދިންނާއެކު ނަގާފައިވާ ބޮޑު ވިއްސާރަ ވިލާގަނޑަކަށް ބަލަހައްޓައިގެން ހުންނަތަން ފެނެއެވެ.

މިއީ އަރްޝަދް ރާއްޖެ އައި ފުރަތަމަ ފަހަރެވެ. ރާއްޖެއަށް އައުމުގެ ކުރިން އިންޑިއާގެ ނޫހަކަށް އަރްޝަދް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާގެ އަންހެނުން މާރިއާ އަދި އަންހެން ދަރިފުޅު ޒެނޭ އަކީ ސެޓިފައިޑް ޑްރައިވަރުންނެވެ.

Time-out.. #zztravelstories

A post shared by Arshad Warsi (@arshad_warsi) on