02 Jun 2017, 15:27
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ރޭތަކާއި ދުވަސްތައް އިހްޔާކުރުމުގެ ގޮތުން ބާއްވަމުން އަންނަ ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމްތަކެއް އޮންނާނެ ކަމަށް ޓްރިވެންޑުރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ބުނެފި އެވެ.
ޓްވިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ދީނީ އަގީދާ ވަރުގަދަކޮށް އަހުވަންތަކަމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ކޮންމެ ރޯދަ މަހެއްގެ ތިން ދުވަހު ބާއްވަމުން އަންނަ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތަކަކީ އިސްލާމިކް މިނިސްޓްރީއާއި ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓާ ގުޅިގެން ބާއްވަމުން އަނަ ޕްރޮގްރާމަތަކެކެވެ.
ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް އަލީ އާދަމް ވިދާޅުވީ، އަދުގެ ސަރުކާރު އައިފަހުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެ ޕްރޮގްރާމްގެ ދަށުން އެކި މައުޟޫތަކަށް ދީނީ ނަސޭހަތް ދެއްވުމަށް މާލެއިން ޝެއިހުން ގެންނަ ކަމަށެވެ.
އެގޮތުން މިއަހަރުގެ ޕްރޮގްރާމްތައް ފެށުމުގެ ގޮތުން މިއަދު ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ކޮންސުލް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގައި މިއަދު ހަވީރު އިންޑިއާ ގަޑިން 5:00 ގައި ބާއްވާ ޕްރޮގްރާމުގައި ދީނީ ދަރުސް ދެއްވާނީ ޝެއިހް ޔޫސުފް ހަސަން އެވެ. ނަސޭހަތްދެއްވާ މައުޟޫއަކީ "ކުށްހީތަކަކީ ފާފައެއް!" އަށެވެ.
ކޮންސުލް އަލީ އާދަމް ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ޕްރޮގްރާމުގައިވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ވީހާވެސް ގިނަ ދިވެހިން ބައިވެރިވެ ވަޑައިގެންނެވުމަކީ އެ ކޮންސިއުލޭޓުގެ އެދުމެއް ކަމަށާއި އެކަމަށް ހުރިހާ ލޮބުވެތި ދިވެހިންނަށް ދައުވަތު އަރުވާ ކަމަށެވެ.
ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަންނަވާ މީހުންނަށް ހާއްސަ ރޯދަ ވީއްލުމެއް އޮންނާނެ ކަމަށްވެސް އަލީ އާދަމް ވިދާޅުވި އެވެ.