މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ، މި ހިނގާ ޓްރާންސްފާގައި އެ ކްލަބު ދޫކޮށް ގޮސްފިނަމަ، ޔުނައިޓެޑް ލީޑުކުރާން އެންމެ ހައްގު އެއް ކުޅުންތެރިއަކީ ޕައުލް ޕޮގްބާ ކަމަށް އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ބްރާޔަން ރޮބްސަން ބުނެފިއެވެ.

ރޫނީއަކީ މެންޔޫގެ ކައްޕި ކަމުގައި ވީ ނަމަވެސް، ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ވޭތުވެދިޔަ ދުވަސްތަކުގައި ރޫނީއަށް ޔުނައިޓެޑްގެ ފުރަތަމަ 11އިން ޖާގަ ލިބިފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ. އެހެންކަމުން، ކުރިއަށް އޮތް ޓްރާންސްފާގައި، ރޫނީ އޭނާގެ ކުރީގެ ކްލަބު ކަމަށްވާ އެވަޓަން ނުވަތަ ޗައިނާގެ ކްލަބަކަށް ބަދަލުވުމަކީ ވަރަށް އެކަށިގެންވާ ކަމެކެވެ.

ޔުނައިޓެޑް ދޫކޮށް ރޫނީ ދާނަމަ، އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މައިކަލް ކެރިކްގެ ޓެސްޓިމޯނިއަލް މެޗު، އޭނާ އެ ކްލަބަށް ކުޅޭ އެންމެ ފަހު މެޗަށް ވުން އެކަށީގެންވެއެވެ.

"އަހަންނަށް އެނގިފައިވާ ގޮތުގައި މޮރީނިއޯ ބޭނުންވޭ ކްލަބުގައި ރޫނީ ބަހައްޓަން،" ޔުނައިޓެޑްގެ ގްލޯބަލް ބެޓިން ޕާޓްނަރ، މެރަތަންބެޓްގެ ފަރާތުން ވާހަކަދައްކަމުން ރޮބްސަން ބުންޏެވެ.

ރޮބްސަން ބުނީ، މާކަސް ރަޝްފާޑްއާއި އެންތަނީ މާރޝަލް ތިއްބާ ކްލަބަށް އިތުރު ދެ ފޯވާޑުން ގެނައުމަކީ މާލީގޮތުން އެކަށީގެންވާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ރޫނީ ކްލަބުގައި މަޑުކުރުން ވަރަށް މުހިއްމު ކަމަށެވެ.

"އަހަރެން ބޭނުން ރޫނީ މަޑުކުރަން. ނިމިދިޔަ ސީޒަނަކީ އޭނާއަށް އެހާ ރަނގަޅު ސީޒަނެއް ނޫން، އެހެން ނަމަވެސް އޭނާގެ ކިބައިގައި މިހާރުވެސް އާދަޔާ ޚިލާފް ގާބިލްކަމެއް އެބަހުރި،" ރޮބްސަން ބުންޏެވެ.

އޭނާ ބުނީ، ޔުނައިޓެޑްގައި އިތުރު ރެކޯޑްތަކެއް ގާއިމުކުރަން މަޑުކުރާނީތޯ ނުވަތަ، އެހެން ދިމާއަކަށް ދާނީތޯ ނިންމާނީ ރޫނީ ކަމަށެވެ. ރޫނީ ދާން ނިންމައިފި ނަމަ، ޔުނައިޓެޑްގައި އޭނާ އަދާކުރަމުންދާ ޒިންމާތައް ހަވާލުކުރަން އެންމެ ރަނގަޅު ކެންޑިޑޭޓަކީ، ދުނިޔޭގެ ރެކޯޑް ފީއަކަށް އެ ކްލަބަށް ގެންސްފައިވާ ޕައުލް ޕޮގްބާކަން ރޮބްސަން ފާހަގަކުރިއެވެ.

"އަހަންނަށް ހީވަނީ، ޕައުލް ޕޮގްބާއަށް ޔުނައިޓެޑްގެ ކެޕްޓަންކަން ކުރެވިދާނޭހެން. މިހާރުވެސް އޭނާ ދަނީ އެ ނަމޫނާ ދައްކަމުން،" ރޮބްސަން ބުންޏެވެ.

ރޮބްސަން ބުނީ، އެންޑަ ހެރޭރާއާއި އެންޓޯނިއޯ ވެލެންސިއާ ފަދަ ކުޅުންތެރީންވެސް، ޓީމުގޮވައިގެން ލީޑުކުރުމަށް ރަނގަޅު ނަމޫނާތަކެއް ދައްކަމުން ދާކަމަށާއި އެހެން ނަމަވެސް ވޭތުވެދިޔަ ދުވަސްތަކަށް ބަލާއިރު އެކަމުގައި އެންމެ ކުރީގައި އުޅެނީ ޕޮގްބާ ކަމަށެވެ.