02 Jun 2017, 13:49
ވައިޓް ހައުސް (ޖޫން 2) : ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މުއަހަދާ ކަމަށްވާ ޕެރިސް މުއާހަދާއިން ވަކިވުމަށް އެމެރިކާ ނިންމައިފިއެވެ.
މިކަން އިޢްލާން ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. މިކަން އިޢްލާން ކުރުމުގެ ގޮތުން ވައިޓް ހައުސްގެ ބަގީޗާގައި ބުރާސްފަތި ދުވަހު ދެއްވި ޚިތާބެއްގައި ޓްރަމްޕް ވިދާޅުވީ ޕެރިސް މުއާހަދާއަކީ އެމެރިކާއަށް ކަމުދާ މުއާހަދާއެއް ނޫންކަމަށްވާތީ އެމުއާހަދާއިން އެމެރިކާ ވަކިވުމަށް ނިންމީ ކަމުގައެވެ.
ޕެރިސް މުއާހަދާގައި އެމެރިކާ ދެމިއޮތުމަކީ އެމެރިކާގެ ރައްޔިތުންނަށް ބޮޑެތި ތަކްލީފް ތަކެއް ކުރިމަތިވެ ބޮޑެތި ޚަރަދުތަކެއް ތަހައްމަލް ކުރަންޖެހޭ ކަމެއްކަމަށާ އެހެންކަމުން އެމުއާހަދާއިން އެމެރިކާ ވަކިވުމަށް ނިންމެވީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް ޕެރިސް މުއާހަދާގެ ބަދަލުގައި ތިމާވެއްޓާ ބެހޭ އެހެން މުއާހަދާއެއް އެކުލަވާލުމަށް އެމެރިކާ ތާއީދުކުރާކަން ޓްރަމްޕް ހާމަކުރެއްވިއެވެ.
ޕެރިސް މުއާހަދާއިން އެމެރިކާ ވަކިވިކަން ޓްރަމްޕް މިއިޢްލާން ކުރެއްވީ އެމުއާހަދާގައި އެމެރިކާ ދެމިއޮތުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަން މިދިޔަ އަންގާރަދުވަހު ޓްރަމްޕް ވިދާޅުވުމަށްފަހު ގައެވެ. ޕެރިސް މުއާހަދާއަކީ ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި މިހާތަނަށް ވުޖޫދަށް ގެނަސްފައިވާ އެންމެ ފުރިހަމަ އެންމެ ޝާމިލް އަދި އެންމެ ގިނަ ގައުމުތަކުގެ ތާއީދާއި އެއްބާރުލުން ލިބިފައިވާ މުއާހަދާއެވެ.

ޕެރިސް މުއާހަދާ އެކުލަވާލުމުގެ މަހާސިންތާ
2015 ވަނަ އަހަރުގެ ޑިސެމްބަރުމަހު ދުނިޔޭގެ 190 ގައުމަކުން ސޮއިކުރި އެމުއާހަދާ އަކީ އެމުއާހަދާ ތަސްދީގުކުރާ ކޮންމެ ގައުމަކުން އެއަށް އަމަލުކުރުން ގާނޫނީ ގޮތުން ލާޒިމްކުރާ މުއާހަދާއެކެވެ. މިހާތަނަށް ސަތޭކަ ފަންސާހަށްވުރެ ގިނަ ގައުމުތަކުން އެމުއާހަދާ ތަސްދީގުކޮށްފައިވާއިރު މީގެތެރޭގައި އެމެރިކާވެސް ހިމެނެއެވެ.
އެމެރިކާއިން ޕެރިސް މުއާހަދާގައި ސޮއިކޮށް އެމުއާހަދާ ތަސްދީގުކުރީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ދެވަނަ ދައުރުގައެވެ. ޕެރިސް މުއާހަދާ ބިނާކޮށްފައިވަނީ ދުނިޔޭގެ ޖައްވުގެ ހޫނުކަން މައްޗަށް ދާ މިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓުމަށާއި އެމިންވަރުން މައްޗަށް ޖައްވުގެ ހޫނުކަން ދިޔަނުދިނުމުގެ މައްޗަށެވެ.
މިގޮތުން ދުނިޔޭގެ ޖައްވުގެ ހޫނުމިން މިހާރު ހުރިމިންވަރަށްވުރެ އިތުރަށް ދެޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަކީ މިމުއާހަދާގެ މައިގަނޑު ލަނޑުދަނޑިއެވެ. މިކަމަށްޓަކައި ދުނިޔޭގެ ގައުމުތަކުން ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭސްތައް ވަކި މިންވަރަކަށް ކޮންޓްރޯލްކޮށް ހިފެހެއްޓުން މިމުއާހަދާ ލާޒިމް ކުރެއެވެ.
މިގޮތުން މިހާރު ގްރީސް ހައުސްތައް ގިނައިން ބޭރުކުރާ ގައުމުތައް ކުރިޔަށް އޮތް ދިހަ އަހަރު ތެރޭގައި ތިން ބައިކުޅަ އެއްބަޔަށް އެގޭސްތައް އުފެއްދުން މަދުކުރުމަށާއި ގްރީސް ހައުސްތައް މަދުން ބޭރުކުރާ ގައުމުތައް އެމިންވަރުގައި ހިފެހެއްޓުން ނޫނީ ދިގުމުއްދަތެއްގެ ތެރޭގައި އެއަށްވުރެވެސް މަދުކުރުން މިމުއާހަދާ ލާޒިމް ކުރެއެވެ.
ގްރީން ހައުސް ގޭސްތައް މަދުކުރުމަށް ޓަކައި ދުނިޔޭގެ ފަގީރު ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މުއްސަނދި ގައުމުތަކުން އެތަށް ބިލިޔަން ޑޮލަރުގެ ފަންޑެއް އެކުލަވާލައި އެފަންޑުން ފަގީރު ގައުމުތަކަށާއި މެދުފަންތީގެ ގައުމުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން މިމުއާހަދާ ލާޒިމް ކުރެއެވެ.
ޕެރިސް މުއާހަދާގައި ސޮއިކޮށް ތަސްދީގު ކުރި ގައުމުތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ގިނައިން ގްރީން ހައުސް ގޭސްތައް އުފައްދާ ސިނާޢީ ބޮޑެތި ގައުމުތައްކަމަށްވާ އެމެރިކާއާއި ޗައިނާއާއި ޖަޕާން އާއި ޖަރުމަނު ފަދަ ގައުމުތައް ހިމެނުމުން އެމުއާހަދާއަކީ ތިމާވެށި ހިމާޔަތް ކުރުމުގައި ކާމިޔާބު މުއާހަދާއަކަށް ވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ޕެރިސް މުއާހަދާއިން ވަކިވުމަށް އެމެރިކާ ނިންމުމުން އެމުއާހަދާގެ މުސްތްގަބަލްވަނީ ނޭންގުމެއްގެ ތެރޭގައެވެ. އެމެރިކާ ވަކިވުމުން ޗައިނާފަދަ ގައުމުތައް އެމުއާހަދާއާ އެއްގޮތަށް އަމަލުކުރާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
އެމެރިކާއަކީ އެގައުމުން އެކަނިވެސް ދުނިޔޭގެ ޖައްވު ހޫނުކުރާ މިންވަރަށް ގްރީން ހައުސް ބޭރުކުރާ އަދި ތިމާވެށި ހަލާކުކުރާ ގައުމެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ދުނިޔޭގެ ހޫނުވުމާއި ތިމާވެށި ހަލާކުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުންފަދަ ކަންކަމަކީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ވާކަންކަން ކަމަށް ގަބޫލު ކުރައްވާ ބޭފުޅެއް ނޫނެވެ. މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭންގައި ޓްރަމްޕް ވަނީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ އެމެރިކާ ޕެރިސް މުއާހަދާއިން ވަކިކުރާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ޕެރިސް މުއާހަދާއިން ވަކިވުމަށް އެމެރިކާ ނިންމި މިނިންމުމާ ގުޅިގެން ކަންބޮޑުވާކަން އެމެރިކާގެ ބައިވެރިންކަމުގައިވާ ޔޫރަޕްގެ ބޮޑެތި ބާރުތަކުން ވަނީ ހާމަކޮށްފައެވެ. (ނޫސްއެޖެންސީތައް)