13 Jul 2011, 17:01
އަންނަ މަހު ސީޝެލްސްގައި ބާއްވާ އަށް ވަނަ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ވާދަކުރާ ޓޭބަލް ޓެނިސް ޓީމުގައި ހިމެނޭ އަންހެން ކުޅުންތެރިންގެ ތެރެއިން މުއީނާ މުހައްމަދާއި އައިމިނަތު ޝިއުރާ ޝަރީފް އިތުރު ޓްރެއިނިން ހޯދުމަށް އިންޑިޔާގެ ރާޖެސްތާނަށް ދިއުމަށް މިއަދު ފުރައިފި އެވެ.
އޮލިމްޕިކް ކޮމެޓީގެ ފަރާތުން ލިބުނު ސްކޯލާޝިޕްއެއްގައި ފުރި މިދެކުޅުންތެރިންނަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ މޮޅު އަންހެން ޓީޓީ ދެ ކުޅުންތެރިންނެވެ.
މުއީނާ އަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓީޓީގައި މިހާތަނަށް އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މާޤާމް ހާސިލް ކުރަމުން އަންނަ ކުޅުންތެރިއެކެވެ. އަދި މީގެ އިތުރުން ޤައުމީ ޓޭބަލް ޓެނިސް ޓީމުގައި ވެސް ހިމެނޭ މުއިނާ އަކީ އިންޓަނޭޝަނަލް އެކި މުބާރާތްތަކުގައި ރާއްޖެއަށް ވަނަތަކެއް ހޯދައިދޭ ކުޅުންތެރިއެކެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ގްރޭޑް 11 ގައި ކިޔަވަމުން އަންނަ އުމުރުން 17 އަހަރުގެ ޝިއުރާ އަކީ ކުރިއަރަމުން އަންނަ ކުޅުން ތެރިޔަކަށް ވީއިރު، އޭނާ އަކީ އުމުރުން 10 އަހަރުން ފެށިގެން ޤައުމީ އަދި އިންޓަނޭޝަނަލް އެކި މުބާރާތް ތަކުގައި ބައިވެރިވެ ވަނަ ޙާސިލް ކުރަމުން އަންނަ ކުޅުންތެރިއެކެވެ.
މި ދެ ކުޅުންތެރިން ޓްރެއިނިން އަށް ފަހު މި މަހުގެ 28 ވަނަ ދުވަހު މާލެ އައިސް، 31 ވަނަ ދުވަހު މުބާރާތުގައި ވާދަކުރުމަށް ސީޝެލްސް އަށް ފުރާނެއެވެ. މުބާރާތް ކުރިއަށްދާނީ އޮގަސްޓް މަހުގެ 5 އިން 14 އަށެވެ.
މުއީނާ މުހައްމަދާއި އައިމިނަތު ޝިއުރާ ޝަރީފްގެ އިތުރުން އަންހެން ޓީޓީ ޓީމުގައި ހިމެނޭ އަނެއް ދެކުޅުން ތެރިންނަކީ ފާތިމަތު ޖުމާނާ ނިމާލް އާއި އައިޝަތު ނިޝާ އެވެ.