މިއަހަރުގެ "ވޯލްޑް މިކް ޑޭ"އާ ގުޅުވައިގެން، އިންޑިއާގެ މަހާރާޝްތުރަ ސްޓޭޓްގެ ދަނޑުވެރީން ކުރަމުންދާ މުޒާހަރާގައި، އެ ސްޓޭޓްގެ ޝިރްދީގެ ބައެއް މަގުތަކަށް ކިރު އަޅައި މޭވާއާއި ތަރުކާރި އުކައިފިއެވެ.

ދަނޑުވެރީން މުޒާހަރާކުރަމުން ދަނީ މަހާރާޝްތުރަ ސަރުކާރުން، ދަނޑުވެރީންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ނުދިނުމާއި ދަނޑުވެރީންގެ ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރާކަމަށް ބުނެއެވެ. އެގޮތުން ނޭޝަނަލް ކޮމިޝަން އޮން ފާރމަސްގެ ރިޕޯޓް (ސްވާމިނަތަން ރިޕޯޓް)ގައިވާ ކަންކަން ތަންފީޒު ނުކުރުމާއި، ދަނޑުވެރީން އުފައްދާ ގޮވާމުގެ ހައްގު އެފަރާތްތަކަށް ނުލިބުމާއި، އިންޓަރެސްޓް ފްރީ ލޯން ނުލިބުމުގެ މައްސަލައާއި ޕެންޝަން ސްކީމް ހަމަ ނުޖެހޭތީ އެކަން ދަނޑުވެރީން ފާހަގަކުރެއެވެ.

މުޒާހަރާކުރާ ދަނޑުވެރީން ވަނީ ބުރާސްފަތި ދުވަހު، ނޭޝަނަލް ހައިވޭއިން ދަތުރުކުރަމުން ދިޔަ ޓްރަކްތައް މަޑުކޮށް އޭގެ ތެރޭގައި ހުރި މޭވާއާއި ތަރުކާރީގެ ބާވަތްތައް މަގުމައްޗަށް އުކާ ހަދައިފައެވެ. އަދި އޭގެ އިތުރުން ރޯ ކިރު ހިފައިގެން ދަތުރުކުރި ވޭނަކުން މަގުމައްޗަށް ކިރު އަޅަމުން ދާ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

މައްސަލަ ހައްލުކުރުމަށްޓަކައި، މަހަރާޝްތުރަ ސްޓޭޓްގެ ޗީފް މިނިސްޓަރު ދެވަންދުރަ ފަދުނަވީ ވަނީ މުޒާހަރާކުރާ ދަނޑުވެރީންނާ ބައްދަލުކުރައްވައިފައެވެ. އެހެން ނަމަވެސް މަޝްވަރާތަކަށް ފަހުވެސް އެކަމަށް އަދި އެއްވެސް ހައްލެއް ހޯދިފައި ނުވާކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ ޑީއެންއޭއިން ރިޕޯޓުކޮށްފައި ވާގޮތުން، މަހާރާޝްތުރަ ސްޓޭޓުގެ ފުލުހުންވަނީ، މިހާރު އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، މުޒާހަރާ ކުރަމުންދާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފައެވެ.

ވޯލްޑް މިލްކް ޑޭ އަކީ، އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިން 2001 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، ކިރުގެ ބާވަތްތައް އުފައްދާ ފަރާތްތަކާއި އެ ސިނާއަތުގެ އުފެއްދުންތައް ފާހަގަކޮށް، ކިރަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކިހާ މުހިއްމު ކާނާގެ ބާވަތެއްކަން އަންގައިދީ މީހުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. "ވޯލްޑް މިކް ޑޭ" ފާހަގަކުރަނީ، ކޮންމެ އަހަރެއްގެ ވެސް ޖޫންމަހުގެ އެއްވަނަ ދުވަހުއެވެ.