02 Jun 2017, 13:54
ދެހާސް ބާރަ ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ސްޓުޑެންޓް އޮފް ދަ އިޔަރ' އިން ބޮލީވުޑަށް ތައާރަފުވި ދެ ތަރިން ކަމުގައިވާ އާލިއާ ބަޓް އަދި ސިދާރްތު މަލޯތުރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ދެ ތަރިން އެކަމަށް އެއްބަސް ނުވި ނަމަވެސް، އެކުގައި ޗުއްޓީ ހޭދަ ކޮށް، އެކަކު އަނެކަކުގެ ގެއިން ނުކުންނަ މަންޒަރު ވަރަށް ގިނައިން ފެނެއެވެ.
ދެ ތަރިންގެ ލޯބީގެ ގުޅުން މީޑިއާއަށް ހާމަ ނުކުރި ނަމަވެސް، ދެމީހުން އެކުގައި ވަގުތު ހޭދަ ކުރާކަން ސިއްރެއް ވެސް ނުކުރެއެވެ. ދޭތެރެ އަކުން ދެމީހުންގެ ދޭތެރޭގައި މައްސަލަ ޖެހި، ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް އަޑުތައް ފެތުރެއެވެ. ނަމަވެސް އަނެއްކާ ވެސް ދެމީހުން އެކުގައި އުޅޭ މަންޒަރު ފެންނާތީ، އެ ވާހަކަތައް ފަނޑުވެއެވެ.
މިފަހަރު ފެންމަތިވެފައި މިވަނީ ސިދާރްތު އެހެން ބަތަލާ އަކާއި މާ ގާތް އެކުވެރިކަމެއް ބާއްވާތީ އާލިއާއަށް އުނދަގޫވާ ވާހަކައެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ސިދާރްތު އާއި، ބަތަލާ ޖެކްލީން ފާނަންޑޭޒް އާއި ދެމެދު އޮންނަ ގާތް އެކުވެރިކަމުގެ ސަބަބުން އާލިއާ މިހާރު ހުންނަނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
ރާޖް އެންޑް ޑީކޭގެ ކުރިއަށް އޮތް ފިލްމު 'ރީލޯޑް' ގައި ސިދާރްތު އާއެކު ފެނިގެން ދާނީ ޖެކްލީން އެވެ. ދެމީހުންގެ ދެމެދު އެކުވެރިކަން އުފެދުނީ ފިލްމުގެ ޝޫޓިން ތެރެއިންނެވެ. ޝޫޓިން ނިމުނު ފަހުން ވެސް ދެމީހުން އެކުގައި ރެސްޓޯރެންޓުތަކަށް ގޮސް ވަގުތު ހޭދަކުރެއެވެ. އަދި ސިދާރްތުގެ ގެއަށް ވެސް ޖެކްލީން އެތައް ފަހަރެއްގެ މަތިން ގޮސް، އޭނާގެ އާއިލާ އާއި ބައްދަލުކޮށްފައިވާ ކަމަށް ޚުދު ސިދާރްތު ވެސް ވަނީ ބުނެފައެވެ.
ސިދާރްތު އާއި ޖެކްލީންގެ ގާތް ގުޅުމުގެ ސަބަބުން އާލިއާ އާއި ސިދާރްތުގެ ދެމެދުގައި ދާދި ފަހުން ވަރަށް ހޫނު ދެބަސްވުމެއް ވެސް ހިނގާފައިވާ ކަމަށްވެއެވެ. އަދި ދެމީހުން އެކުގައި ޗުއްޓީ ހޭދަކުރުމަށް ރޭވުމަށް ފަހު، އާލިއާ ވަނީ ހުރިހާ ކަމެއް ވެސް ކެންސަލް ކޮށްފައެވެ.