02 Jun 2017, 10:37
އައިޝާ ޖިބްރީލް އެލެކްޒޭންޑްރާ އަކީ ކްރިސްޓިއަން އާއިލާ އަކަށް އުފަން، ކާމިޔާބު އަންހެނެކެވެ. އާއިލާގެ ޒިންމާތައް އުފުލަމުންދިޔަ އެ ޒުވާނާ އަކީ ޕައިލެޓެކެވެ.
ބޮޑުވަމުން އައި އިރުވެސް ދީނީ ކަންކަން އުނގެނުމަށް ޝައުގުވެރިކަން ހުރި އައިޝާ ވަރަށް ގިނައިން ސުވާލުކޮށް ހަދަ އެވެ. އީސާގެފާނާއި، މަރްޔަމްގެފާނުގެ ވާހަކަތަކެވެ. ކްރިސްޓިއަން ދީނުގެ ކަންކަމަކާ ގުޅޭގޮތުން ސުވާލު ކުރާ ކޮންމެ ފަހަރަކު އޭނާ އަށް ލިބެނީ އެއް ޖަވާބެކެވެ.
"ސުވާލު ނުކުރާށެވެ. ދީނުގެ ކަންކަން ޖެހޭނީ ގަބޫލު ކުރާށެވެ. ގަބޫލު ކުރުމުގެ ބަދަލުގައި ސުވާލު އުފެއްދުމަކީ ކުރެވޭ ފާފައެކެވެ."
އައިޝާ ފުރާވަރަށް އެޅި އިރުވެސް އެ ޖުމްލަތައް ސިކުނޑީގައި ހުއްޓެވެ. އަދި ހިތުގައި އަބަދުވެސް ބިރުވެރިކަން އޮވެ އެވެ. ދީނުގެ އެއްވެސް ކަމަކަށް ސުވާލު ކުރާކަށް ނުކެރުނެވެ. އެހެންކަމުން ސުވާލު ކުރުމެއް ނެތި ބައިބަލް ގައިވާ ހުރިހާ އެއްޗެއް ގަބޫލު ކުރީ އެވެ.
އައިޝާ އަށް އެންމެ ފުރަތަމަ ފަހަރަށް މުސްލިމުންނާ ބައްދަލުވެ، އިސްލާމް ދީނުގެ ކަންކަން ފެންނަން ފެށީ 2001 ވަނަ އަހަރު، މުސްލިމުން ހިންގަމުން ދިޔަ ކެނެޑާގެ އެއާލައިނެއްގައި މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. އެ ހިސާބުން އަނެއްކާ ވެސް އޭނާގެ ހިތާއި ސިކުނޑީގައި ސުވާލުތައް އެނބުރެން ފެށި އެވެ. ނަމަވެސް ކެރިއަރު އޭނާ އަށް މުހިންމު ވުމުން، އެ ސުވާލުތައް ހަނދާން ނައްތާލަން ނިންމީ އެވެ.
ދީނުގެ ބަދަލުގައި ކެރިއަރު އިސްކުރީ، އޭނާ ބަލަންޖެހިފައިވާ 61 އަހަރުގެ މަންމަ އަކާއި 93 އަހަރުގެ މާމައަށް ޓަކައެވެ. އޭނާ އަށް ކްރިސްޓިއަން ދީން އުނގަންނައިދިނީ އެ ދެ މީހުންނެވެ. ފުރަތަމަ ކައިވެނިން ލިބުނު ފިރިހެން ދަރިފުޅު ވެސް ބަލަނީ އޭނާ އެވެ. އާއިލާ އަށް ޚަރަދު ކުރަން ހުރި މީހަކީ އައިޝާ އެވެ. އެހެންކަމުން ވަޒީފާ އަށް އޭނާގެ ފުރިހަމަ ސަމާލުކަން ދޭން ޖެހުނީ އެވެ.
ނަތީޖާ އަކަށް ވެގެން ދިޔައީ ދީނީ ކަންކަމާ މުޅިން ދުރުވުމެވެ. އޭނާގެ އަމިއްލަ ދީނުގެ ކަންކަމަށް ފަރުވާ ކުޑަކުރެވި، އެއްކޮށް ދީނާ ދުރަށް ދިޔައީ އެވެ. އޭނާ އަކީ ކާމިޔާބު އަންހެނެކެވެ. ނަމަވެސް ދުނިޔެ ނިމުމުން އެ ނިމުނީ ހެއްޔެވެ؟ މަރުވުމަށް ފަހު ދެން ވާނީ ކިހިނެތް ހެއްޔެވެ؟
އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، އެކި ސަގާފަތްތަކުގެ މީހުންނާ ބައްދަލު ކުރުމުގެ ފުރުސަތު އައިޝާ އަށް ލިބިގެން ދިޔަ އެވެ. އައިޝާ ވަނީ މެލޭޝިޔާ، ދެކުނު އެމެރިކާ، އަދި އަރަބި ގައުމުތަކުގައި ވެސް ދިރިއުޅެފަ އެވެ.
އައިޝާ އަށް ފުރަތަމަ ފާހަގަ ނުކުރެވުނު ނަމަވެސް މެދު އިރުމައްޗަށް ކުރާ ދަތުރުތައް އޭނާ އަށް ޚާއްސަ ވަމުން ދިޔަ އެވެ. މެދު އިރުމަތީގެ ގައުމުތަކުގައި އޭނާ ހެދުން އަޅާ އުޅެނީ ވެސް މުސްލިމުންނާ އެއްގޮތަށެވެ. ބުރުގާ ނޭޅި ނަމަވެސް، އާންމުކޮށް އޭނާ ލައި އުޅޭ ގަޔަށް ބާރު ޖީންސާއި ޓޮޕް އޭނާ ނުލަ އެވެ. ދުވާލަކު ފަސް ފަހަރު ބަންގީގެ އަޑު އިވޭ ބިމެއްގައި އެހާ ނިވާކަން ކުޑަ ގޮތަކަށް ހެދުން އަޅަން އޭނާ އަށް ނުކެރުނީ އެވެ. ލަދުގަތީ އެވެ. އޭނާ އިސްލާމް ވުމަށް މަގުފަހަވި ހިސާބަކީ އެއީ އެވެ.
ބަހްރެއިން ގައި މަސައްކަތް ކުރި އިރު، އައިޝާ ވަނީ ކީރިތި ޤުރްއާން އެކީގައި ޑައުންލޯޑް ކޮށްފަ އެވެ. އޭނަގެ ހިތުގައި އުފެދިފައިވާ ހުސްކަން ފިލުވުމަށްޓަކައި، ކޮންމެ ދަތުރެއްގެ މަތީގައި ވެސް ކީރިތި ޤުރްއާން އަޑު އަހަން ފެށި އެވެ. އިސްލާމް ދީން އައިޝާ އާ ބައްދަލު ކުރީ ދެނެވެ.
އޭނާ އިސްލާމް ވާން ބޭނުން ކަން ކަށަވަރުވެގެން ދިޔައީ އެދު އިރުމަތީގައި ދިރިއުޅެމުން ދަނިކޮށެވެ. އޭނާ އަށް އެ އިހުސާސް ކުރުވީ ބަންގީގެ އަޑުންނެވެ. އޭނާގެ ބައެއް އެކުވެރިން ބަންގި އަށް މަލާމާތް ކުރަމުން ދިޔައިރު، އައިޝާ ދިޔައީ އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮރުވަން މަސައްކަތް ކުރަމުންނެވެ. އޭނާ އަށް ރޮވުނީ ހިތަށް ލިބުނު ފިނިކަމާއި ހަމަޖެހުމުގެ ސަބަބުންނެވެ.
ހަމަ އެ ރޭ ގެއަށް ދިއުމަށް ފަހު އައިޝާ ވަނީ މުސައްލައެއް މަތީ ސަޖިދަ އަށް ތިރިވެ، ހައްގު މަގު ދެއްކެވުމަށް އެދި ދުއާ ކޮށްފަ އެވެ. އަދި އިސްލާމް ދީން އުނގެނުމަށް އޭނާ މަސައްކަތް ފެށި އެވެ. ކީރިތި ޤުރްއާން އަޑު އަހައި، ދީނާ ގުޅޭ ވީޑިއޯތައް ބަލަން ފެށި އެވެ.
އޭނާ އިސްލާމް ދީން ގަބޫލު ކުރީ އާޖެންޓީނާ އަށް ކުރި ދެވަނަ ދަތުރުގަ އެވެ. އެމެރިކާ ބައްރުގެ އެންމެ ބޮޑު މިސްކިތް ހުންނަނީ އާޖެންޓީނާގަ އެވެ. އާއިޝާ އެ ދުވަހު ތިން ގަޑި އިރު ވަންދެން މިސްކިތުގެ އިމާމާ އެކު ވާހަކަ ދެއްކި އެވެ. ހިތުގައި ހުރި ހުރިހާ ސުވާލެއްގެ ޖަވާބު ހޯދި އެވެ.
މިސްކިތުން ނުކުންނަން ދިޔަ ވަގުތު، އޭނާ އިސްލާމް ވާން ބޭނުންވޭތޯ އިމާމު ސުވާލު ކުރި އެވެ. އައިޝާ އަށް ލިބުނު އުފަލެއް ބަޔާން ކުރަން ވެސް ނޭނގެ އެވެ. ވަގުތުން "އާން" އެކޭ ބުނެވުނެވެ. އެފަދަ ފުރުސަތެއް ދެން ލިބޭނެ ކަމެއް އޭނާ އަކަށް ނޭނގެ އެވެ. އެހެންކަމުން މިސްކިތުގައި އިނދެ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވީ އެވެ. އަލްޙަމްދުލިﷲ!
އިސްލާމް ވުމުން އޭނާ އަށް ވަޒީފާގެ މާހައުލުގައި ދަތިތަކާ އަންނަނީ ކުރިމަތިވަމުންނެވެ. އޭނާގެ މަންމަ އަށް ފުރަތަމަ އެކަން ގަބޫލު ކުރަން ދަތިވި ނަމަވެސް، މިހާރު އައިޝާ އަށް ފުރިހަމަ އެއްބާރުލުންދެ އެވެ. އަދި އަމިއްލަ އަށް އިސްލާމް ދީން އުނގެނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭނާގެ އަށް އަހަރުގެ ދަރިފުޅުވެސް މިހާރު ވަނީ އިސްލާމްވެފަ އެވެ.
މުސްލިމް އަންހެން ޕައިލެޓެއްގެ ގޮތުގައި ހުރެ އައިޝާ ދުނިޔެ އަށް ދައްކައިދޭން ބޭނުން ވަނީ އިސްލާމް ދީނަކީ އަންހެނުންގެ ކުރިއެރުމަށް ހުރަސް އަޅާ ދީނެއް ނޫން ކަމާއި، އިސްލާމް ދީނަކީ ހަމަހަމަ ދީނެއް ކަމެވެ.