މިދިޔަ މަހުގެ ތިން ވަނަ ދުވަހު މިފްކޯއިން ފެށި "ފަސްމީރު އޮބިނޯވޭ" ޕްރޮމޯޝަން ރޯދަމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެ ޕްރޮމޯޝަނަކީ އަގުހުރި އިނާމްތަކެއްގެ އިތުރުން ތިން ފަރާތަކަށް އުމްރާ ދަތުރުލިބުމުގެ ފުރުސަތު ފަހިވެފައިވާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގެ މުއްދަތު އިތުރު ކުރީ ގިނަ ކަސްޓަމަރުން ބައިވެރިވުމުގެ ޝައުގުވެރިކަން އޮތުމާއިއެކު ޕްރޮމޯޝަން ފުރުސަތު އިތުރުކުރުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ އެވެ.

"ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ގިނަ ހިސާބުތަކަކުން މަސްދަޅުކޭސް ބައްލަވައިގަތް ފަރާތްތަކުންވަނީ މިފްކޯއަށް ގުޅައި ބައިވެރި ވުމުގެ ފުރުސަތުއިތުރުކުރުމަށް އެދިލައްވާފައެވެ. ދަތުރުކޮށް ނުހެދޭ ވަރަށް މޫސުމްއޮތުމުގެ ސަބަބުން ރަށްރަށަށް މަސްކޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ކަސްޓަމަރުންވަނީ އަންގަވާފައެވެ." މިފްކޯއިން ބުންޏެވެ.

ރޯދަމަހަށް ހާއްސަކޮށް ރޯދަހަދިޔާއެއްގެ ގޮތުން މިފްކޯއިން ވަނީ މަސްދަޅުކޭހުގެ އަގުވެސް ވަރަށް ބޮޑުތަން އަގުހެޔޮކޮށްފައެވެ. އެގޮތުން އާންމުން އެންމެގިނައިން ބައްލަވަގަންނަ 48 ދަޅުގެ ތެޔޮމަސްދަޅުކޭހެއް މީގެ ކުރިން 779 ރުފިޔާއަށް ލިބެމުންއައިނަމަވެސް ރޯދަމަހަށް ހާއްސަކޮށް މިވަނީ 670 އަށް ކުޑަކުރެވިފައެވެ. އެއީ ކޭހަކުން 109 ރުފިޔާއެވެ.

އޭގެ އިތުރުން 48 ދަޅުގެ ފެންމަސް، އިކޮނޮމީ ތެޔޮމަސް އަދި އިކޮނޮމީ ފެންމަސްކޭހުގެ އަގުތައްވެސްވަނީ ވަރަށްބޮޑުތަން އަގުހެޔޮކޮށްފައެވެ.