އިސްލާމީ އަރަބި ގައުމުތަކުން މި ރޯދަ މަހު ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުން ލަސް ނުވާ ކަމަށާއި ކަނޑައެޅިފައިވާ ވަގުތުތަކުގައި ކަދުރު ބަހަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހެޔޮ އެދުންތަކާ އެކު ރާއްޖެއަށް 50 ޓަނުގެ ކަދުރު ވަނީ މިއަހަރުގެ ރޯދަ މަހު ވެސް ހަދިޔާ ކޮށްފައެވެ. މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ސައުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކަދުރުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓްރީންނެވެ.

އަދި ރާއްޖެއަށް ލިބުނު ކަދުރުތައް ބަހަން ސަރުކާރުން ނިންމީ ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއްގެ މަގުންނެވެ.

އެެގޮތުން މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރުތައް ބަހަން ހަވާލުކުރީ ހައުސިން މިނިސްޓްރީ އަށެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ކަދުރު ބަހަން ނިންމާފައިވާއިރު، އަތޮޅުތެރެއަށް ކަދަރު ބަހަން ހަވާލުކުރީ އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.

މާލެއާއި ހުޅުމާލޭގެ ރައްޔިތުންނަށް ކަދުރު ބެހުން ލަސްވާ ކަމަށް ބުނެ ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރިއެވެ. ހައުސިން މިނިސްޓްރީއާ ހަވާލާދީ ކޮށްފައިވާ އެ ރިޕޯޓް ތަކުގައި ލަސްތަކެއްވާ ސަބަބެއް ކަމަށް ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީން ހަމަ ޖައްސަންޖެހޭ ކަންތައްތަކެއް ހަމަނުޖެހިގެން ކަމަށެވެ.

ނަމަވެސް މީޑިއާގެ އެ ރިޕޯޓްތައް ދޮގުކޮށް ހައުސިން މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރޯދަ މަހު ރާއްޖެއަށް ލިބިފައިވާ ކަދުރު ބެހުން ލަސްވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅުންހުރި ބައެއްކަންކަން ހަމަނުޖެހިގެން ކަމަށް ބުނެ މީޑިއާތަކާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.

އަދި ހުކުރު ދުވަސްފިޔަވައި ހަފްތާގެ ހުރިހާ ދުވަހެއްގައި މިނިސްޓްރީގެ އާންމު ހިދުމަތްތަކާބެހޭބައި (ތައިސޭކޮށި)ގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 14:00 އަށް އަދި ރޭގަނޑު 21:30 އިން 23:00 އަށް ކަދުރު ބަހަމުންދާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ވެސް ވިދާޅުވީ، ކަދުރު ބެހުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ކަދުރު ބެހުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކުގެ އެއްބާރުލެއްވުމާއެކު ކުރިއަށް ދަނީ ރަނގަޅަށް ކަމަށް ވިދާޅުވިއެވެ.

އެގޮތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާ ހަމައަށް 87 ކައުންސިލަކުން ރަށްރަށަށް ބެހުމަށް ކަދުރު ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، ގޭބިސީތަކަށް ކަދުރު ބަހާނީ އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްޙަކަމަށް ބެލުމަށް ފަހު، ސައްޙަ ލިޔުމަކަށް އެއް ޕެކެޓް ކަދުރު ކަމަށެވެ.

ކުއްޔަށް އުޅޭ ފަރާތްތަކުން ޖެހެނީ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ގެންދާށެވެ. އެއާ އެކު ކަދުރާ ހަވާލުވާ މީހާގެ އައިޑީކާޑެވެ.