02 Jun 2017, 00:17
މަޝްހޫރު ފޮޓޯގްރާފަރ އައިޝަތު ނަޖް އަދި ލިޔުންތެރިޔާ ޑެނިއެލް ބޮސްލޭގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ތާރީޚީ ކަންކަން އެކުލަވާލުމަށް ޓޫ ތައުޒަންޑް އައިލްސާއާ އެކު އުރީދޫން އެއްބަސްވެއްޖެއެވެ.
އުރީދޫން ބުނި ގޮތުގައި އެ ޕްރޮޖެކްޓްގައި ފޮޓޯ ޖަރނަލިޒަމް އަދި ޓްރެވަލް ބޮލްގިންގ މެދުވެރިކޮށް ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި ވެށި ދައްކުވައިދެވޭނެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޓޫ ތައުޒަން އައިލްސް ޓީމް, ރާއްޖޭގެ އާބަދުވެފައިވާ ހުރިހާ ރަށްރަށަށް ޒިޔާރަތްކޮށް، މަސައްކަތްކުރުމަށް ބޭނުންވާ މުވާސަލާތީ އެހީތެރިކަން، އޮފިޝަލް ޓެލެކޮމިއުނިކޭޝަން ޕާރޓްނަރއެއްގެ ގޮތުން އުރީދޫއިން ފޯރުކޮށްދޭނެއެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރީ ބުރާސްފަތި ދުވަހު އުރީދޫގެ ހެޑް އޮފީހުގައެވެ.
"މުޖުތަމައުގެ ތަރައްޤީއަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވެފައި، އަޅުގަނޑުމެންގެ އިންޓަނެޓް ޚިދުމަތުގެ އެހީގައި، މިފަދަ އުފެއްދުންތެރި ޕްރޮޖެކްޓްތަކެއް ޒުވާނުން ހިންގާތީ އަޅުގަނޑުމެން އުފާކުރަން. ޓޫ ތައުސަން އައިލްސް ޓީމުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް، ރާއްޖޭގެ މުޅިން އާ ވާހަކަތަކެއް ހޯދާ ޑޮކިއުމަންޓްކުރުމަށް ކުރާ ދަތުރަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.
ޓޫ ތައުސަންޑް އައިލްސްގެ ކޯ ފައުންޑަރ އައިޝަތް ނަޖް ވިދާޅުވީ އެ މަސައްކަތް އުރީދޫއާ ނުލައި ކުރުމަކީ ދަތި ކަމެކެވެ. އަދި އެ މަޝްރޫއަށް އެއްބާރުލުން ދިނީތީ އޭނާ ވަނީ އުރީދޫއަށް ޝުކުރު އަދާ ކޮށްފައެވެ.
"އުރީދޫގެ ނޭޝަންވައިޑް 4ޖީ ނެޓްވަރކް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް އަޕްލޯޑް ކުރަމުންދާ ބްލޮގް ޕޯސްޓުތަކާއި ސޯޝަލް މީޑިއާ އަޕްޑޭޓްތަކުގެ އެހީގައި، މި ދަތުރުގެ ކޮންމެ ފިޔަވަޅެއްވެސް، އަޅުގަނޑުމެންގެ ފޮލޮވާރޒް އާއި ހިއްސާކޮށްލެވޭ،" ނަޖް ވިދާޅުވިއެވެ.