ރާއްޖެއިން ވިއްކަން އުޅޭ 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު، ސިންގަޕުރުގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށް ވިއްކަން ހުޅުވާލައިފިއެވެ.

ބޮންޑު ވިއްކުމަށް ހުޅުވާލާފައިވުމާ ގުޅިގެން ފޭސްބުކް މެދުވެރިކޮށް މިނިސްޓަރު މުނައްވަރު ޝެއާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮންޑު ގަތުމަށް ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ސަބްސްކްރިޕްޝަންގެ މިންވަރު ދެ ގުނަ ބޮޑު ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ކުރަން ޖެހޭ މުހިއްމު ވަރަށް ބޮޑެތި ކަންތައްތަކެއް އެބަހުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ފަސް އަހަރުގެ މެޗޫރިޓީގެ އެ ބޮންޑު ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭޖުގައި ލިސްޓުކޮށް ވިއްކުމަށް ހުޅުވާލުމާއެކު، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އެ ބޮންޑަށް މާކެޓުން ހުށަހަޅާފައިވަނީ ދެ ޕަސެންޓުގެ ކޫޕަން ރޭޓެކެވެ.

އެ ރޭޓަކީ ފުރަތަމަ ފަހަރަށް މާލީ ބާޒާރަށް ނުކުމެފައިވާ ޤައުމުތަކާއި އަދި ދިވެހިރާއްޖެއާއި އެއްމިންވަރެއްގެ ކްރެޑިޓް ރޭޓިންގް ލިބިފައިވާ ޤައުމުތަކައި އަޅާކިޔޭނެ ރޭޓެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ބޮންޑަށް މޫޑީސްއިން ދީފައިވަނީ B2 ރޭޓިންއެއް ކަމަށްވާއިރު ފިޗް އިން ދީފައިވަނީ +B ރޭޓިންއެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ ރޭޓިންގ އަކީ ދިވެހިރާއްޖެއަށް ކުރިން އެ ދެ ރޭޓިންގް އޭޖެންސީއިން ދީފައިވާ ސޮވެރިންގ ކްރެޑިޓް ރޭޓިންއާ އެއް ރޭޓިންގ އެކެވެ.

" ދިވެހި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި ސަރުކާރުން އަރުވަމެވެ. މީގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖެއާ މެދު އޮތް އިތުބާރު ބޮޑުވެ، ބޮންޑުގެ ޔީލްޑް، ކުރިމަގުގައި ދަށް ކުރެވިގެންދާނެއެވެ." މިނިސްޓްރީން ބުންޏެވެ.

އެ ބޮންޑު ވިއްކައިގެން ލިބޭ 200 މިލިއަން ޑޮލަރު ބޭނުން ކުރުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ބަޖެޓުގައިވާ ތަރައްޤީގެ މަޝްރޫއުތައް ފައިނޭންސް ކުރުމަށެވެ.

"މި ބޮންޑަށް ބައިނަލްއަޤްވާމީ މާލީ ބާޒާރުން، އޭޝިއާ އަދި ޔޫރަޕުގެ އެސެޓްމެނޭޖަރުންނާއި ބޭންކްތަކުން އިންވެސްޓްކޮށް، ލިބިގެން މިދިޔަ ތަރުހީބުން އެނގިގެން ދިޔައީ، ދިވެހިރާއްޖެއާ މެދު ބޭރުގެ އިންވެސްޓަރުން މެދުގައި އޮތް އިތުބާރެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން މި ތިން އަހަރުތެރޭގައި ފައްޓަވައިފައިވާ ތަރައްޤީގެ މަޝްރޫއުތަކާއި އިޤްތިސާދީ ތަސައްވުރާއި ސިޔާސަތުތަކަށް ބައިނަލްއަޤްވާމީ މާލީ ބާޒާރުން ދިން ފުރިހަމަ ޔަގީންކަމެވެ. އަދި ރާއްޖޭގެ ތަރައްޤީގައި ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަމާއި ބައިވެރިވުން އިތުރަށް އޮތްކަމުގެ ނިޝާނެކެވެ." އެ މިނިސްޓްރީން ބުންނެވެ.