01 Jun 2017, 22:02
އެކިކަހަލަ ރޮބޮޓް އުފައްދައި އެ ތަކެތީގެ ހުނަރު ދައްކާލުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް،އިންޓަނޭޝަނަލް ރޮބޯޓްރޯނިކްސްމުބާރާތުގައި ބައިވެރިވުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް)ގެ ދަރިވަރުން ޗައިނާއަށް ފުރައިފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގގައި މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ބާއްވާ ހަތް ވަނަ އިންޓަނޭޝަނަލް ރޮބޯޓްރޯނިކްސް މުބާރާތުގައި ބައިވެރިވުމަށް ޖީއައިއެސްގެ ދަރިވަރުން ފުރާފައިވަނީ އިއްޔެއެވެ.
އެ ޓީމުގައި ހިމެނެނީ ޖީއައިއެސްގެ 24 ދަރިވަރަކާއި ހަތަރު ޓީޗަރުންގެ އިތުރުން 15 ބެލެނިވެރިންނެވެ. އޭގެ ތެރޭގައި ޖީއައިއެސްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިރްމީނާ ފަހީމް އާއި ސްކޫލްގެ ތިން ކޮމްޕިއުޓަރު އެޗްއޯޑީން ހިމެނެއެވެ.
މުބާރާތުގައި ޖީއައިއެސްގެ ގްރޭޑް 9-5 އަށް ހޮވާލެވުނު ދަރިވަރުން ހިމެނޭ ހަ ޓީމެއް ބައިވެރިވާނެ އެވެ. އެއީ ޖޫނިއާ ކެޓަގަރީގައި ތިން ޓީމެއް، މިޑަލް ކެޓަގަރީގައި ދެ ޓީމެއް އަދި ސީނިއާ ކެޓަގަރީގައި ޓީމެކެވެ.
އިންޓަނޭޝަނަލް ރޮބޯޓްރޯނިކްސް މުބާރާތަށް ޖީއައިއެސްގެ ދަރިވަރުން ކޮލިފައިވެފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ޖީއައިއެސްގައި ބޭއްވި ރާއްޖޭގެ ބުރުން ބައިވެރިވެ ކާމިޔާބު ހޯދައިގެންނެވެ.
ރާއްޖޭގެ ބުރުގައި ޖީއައިއެސްގެ އިތުރުން ދެން ބައިވެރިވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނެވެ.
މިއަހަރު އިންޓަނޭޝަނަލް ރޮބޯޓްރޯނިކްސް މުބާރާތުގައި ޖީއައިއެސްގެ ދަރިވަރުން ވާދަކުރަން ޗައިނާއަށް ފުރިއިރު، އެ ސްކޫލުން ވަނީ މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް ރޮބޯޓްރޯނިކްސް ކޮމްޕެޓިޝަންގައި ވެސް ބައިވެރިވެ މިޑަލް ކެޓަގަރީން ޝަރަފްވެރި ދެ ވަނަ ހޯދައިފައެވެ.
އިންޓަނޭޝަނަލް ރޮބޯޓްރޯނިކްސް މުބާރާތުގެ މިއަހަރުގެ މައުޟޫއަކީ "ޓޮމޯރޯލޭންޑް"އެވެ. މުބާރާތުގައި ޓެކްނޮލޮޖީ، އިންޖިނިއަރިން، މެތެމެޓިކްސް އަދި ސައިންސްގެ ދާއިރާތަކުން ދަރިވަރުން ވާދަކުރަންޖެހޭނެއެވެ.