01 Jun 2017, 17:15
ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް، ދެ ''ޓްރާންސްފަރ ވިންޑޯ"ގައި ބައިވެރި ނުވެވޭގޮތަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އަޅާފައިވާ ފިޔަވަޅު، ދަ ކޯޓް އޮފް އާރބިޓްރޭޝަން ފޮރ ސްޕޯޓް (ސީއޭއެސް)ގައި އިސްތިއުނާފުކުރުމުން ފީފާގެ ނިންމުމަށް އެ ކޯޓުން ތާއީދުކޮށްފިއެވެ.
ސީއޭއެސްގެ މި ނިންމުމުގެ މާނައަކީ، ޑިއެގޯ ސިމިއޯނީގެ ކްލަބަށް، ޓްރާންފަރއެއްގައި ބައިވެރި ނުވެ 2018 ވަނަ އަހަރާ ހަމައަށް މަޑުކުރަން ޖެހުމެވެ.
ފީފާއިން ވަނީ، އެތުލެޓިކޯ މެޑްރިޑާއި، ވާދަވެރި ރެއާލް މެޑްރިޑުން، 18 އަހަރުން ދަށުގެ ބިދޭސީ ކުޅުންތެރީން ގެނައުމުގައި އަމަލުކުރާން ޖެހޭ ގަވައިދަށް އަމަލުކޮށްފައި ނުވާތީ، ދެ ޓްރާންސްފަރ ވިންޑޯގައި އެ ދެ ކްލަބަށްވެސް ބައިވެރި ނުވެވޭގޮތަށް އަދަބު ދީފައެވެ.
އެ މައްސަލަ ފީފާގައި އިސްތިއުނާފުކޮށް ނާކާމިޔާބުވެ، ސީއޭއެސްގައި މައްސަލަ އިންތިއުނާފު ކުރުމުގެ ކުރީން އެތުލެޓިކޯއިން ވަނީ، 2017 ވަނަ އަހަރުގެ ޖެނުއަރީ ޓްރާންފަގައިވެސް ބައިވެރި ނުވެ، އަދަބުގެ އެއްބައި ފުރިހަމަކޮށްފައެވެ.
ސީއެސްއޭގެ ނިންމުމާ ގުޅިގެން އެތުލެޓީކޯއަށް 2017/18 ސީޒަންގައި އެ ކްލަބަަށް އިތުރު އެއްވެސް ކުޅުންތެރިއެއް ގެނައުމުގެ ފުރުސަތު ގެއްލިފައިވާއިރު، އެ ކްލަބުން ވަނީ އެ ނިންމުމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.