އދ. މަހިބަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ސްރީލަންކާގެ ސެނޮކް ކުންފުންޏާ މިއަދު ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ މަސައްކަތް ސެނޮކްއާ ހަވާލު ކުރި އިރު އެ ކުންފުންޏަކީ ރާއްޖޭގައި މިހާރުވެސް ބަނދަރު ހެދުމުގެ މަޝްރޫއުތައް ހިންގަމުންދާ ތަޖުރިބާކާރު ކުންފުންޏެއް ކަމަށެވެ.

އެ މަސައްކަތް ސެނޮކާ ހަވާލު ކުރީ އެއް އަހަރު ދުވަސްތެރޭ ނިންމަން ޖެހޭ ގޮތަށް 31 މިލިއަން ރުފިޔާއަށެވެ. އެމަޝްރޫއު ހިންގަނީ ސަރުކާރުގެ ބަޖެޓުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން އެރަށުގައި އެޅުމަށް ހަމަޖައްސާފައިވަނީ 700 ފޫޓު ދިގު 200 ފޫޓު ފުޅާ ބަނދަރެކެވެ.

"މި ބަނދަރަކީ އެރަށުގެ ރައްޔިތުން ވަރަށް އެދެމުންދިޔަ މަސައްކަތެއް. މިކަންތައް ރައީސް ޔާމީން ވަރަށް އިސްކަން ދެއްވައިގެން މިއަހަރުގެ ބަޖެޓުގެ ތެރެއިން މިކަންތައް ހަމަޖައްސައިދެއްވީ. މި ކަމުގަ ދާއިރާގެ މެމްބަރު ތޯރިގްވެސް ވަރަށް މަސައްކަތް ކުރެއްވި ކަން ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.