ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންގާރަ ދުވަހުގެ ރޭ ބާއްވާފައިވާ އިރު، އެއީ ގިނަ ކަންތައްތަކެއް ފާހަގަވެގެންދިޔަ ޖަލްސާއެކެވެ.

އެސްޓީއޯގެ ޗެއާމަންކަމާ ހުސައިން ސާލިމް މުހައްމަދު ހަވާލުވެވަޑައިގެންނެވި ފަހުން، އޭނާގެ ރިޔާސަތުގެ ދަށުން ބޭއްވި އެކުންފުނީގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ އަކީ، މިހާތަނަށް އެންމެ ގިނަ ހިއްސާދާރުން ޖަލްސާއަށް ހާޒިރުވެގެން ބޭއްވި ޖަލްސާއެވެ.

އަންގާރަ ދުވަހުގެ ޖަލްސާއަށް 75 ހިއްސާދާރަކު ހާޒިރުވެ، ބައިވެރިވިއެވެ. ޕްރޮކްސީ މެދުވެރިކޮށް 97 ހިއްސާދާރުން ޖަލްސާގައި ބައިވެރިވި އިރު، ޖުމްލަކޮށް 172 ހިއްސާދާރުންގެ ފަރާތުން 948,020 ހިއްސާ ތަމްސީލު ކުރެވިގެން ދިޔައެވެ.

މޭ 30، 2017: އެސްޓީއޯގެ 2016ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް މިހާތަނަށް ޖުމްލަކޮށް އެންމެ ގިނަ ހިއްސާ ތަމްސީލުވެގެން ބޭއްވުނު ޖަލްސާއަކީ މިދިޔަ އަހަރު ކުރުނބާ މޯލްޑިވްސްގައި ބޭއްވި، އެސްޓީއޯގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއެވެ.

އެ ޖަލްސާއަށް ހާޒިރުވީ 70 ހިއްސާދާރުންނެވެ. އެހެން ނަމަވެސް ޕްރޮކްސީ މެދުވެރިކޮށް 322 ހިއްސާދާރުން ޖަލްސާގައި ބައިވެރިވި އިރު، ޖަލްސާގައި ޖުމްލަ 392 ހިއްސާދާރުންގެ ފަރާތުން 953,267 ހިއްސާ ތަމްސީލު ކުރެވިގެން ދިޔައެވެ.

މީގެ އިތުރުން، އަންގާރަ ދުވަހުގެ ޖަލްސާގައި ހިއްސާދާރުން ނިންމާ ކަންކަމަށް ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދިޔައީ އިލެކްޓްރޯނިކް ސިސްޓަމެއް މެދުވެރިކޮށެވެ. އެ ސިސްޓަމް މެދުވެރިކޮށް ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދިޔައީ، ޖަލްސާ ފެށުމުގެ ކުރިން ކޮންމެ ހިއްސާދާރަކަށް ރަތް ކުލައާއި ފެހި ކުލައިގެ ދެ ކާޑު ދިނުމަށްފަހު، ވޯޓުލާ ވަގުތު އެސްޓީއޯގެ މުވައްޒަފުންގެ އަތުގައި އޮތް މޯބައިލް ޑިވައިސެއްގައި ހުރި ދަގަނޑު ޕެޑެއްގައި ކާޑު ޖައްސާލައިގެންނެވެ. ވޯޓު ލުމުގެ ކަންކަން ވަރަށް އޮމާންކަމާއި، އަވަސްކަމާ އެކު ކުރިޔަށް ދިޔަކަން ފާހަގަވިއެވެ.

މޭ 30، 2017: އެސްޓީއޯގެ 2016ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް އެހެން ކުންފުނިތަކުންވެސް މީގެ ކުރިން އަހަރީ އާންމު ޖަލްސާތަކުގައި އިލެކްޓްރޯނިކް ވޯޓިންގް ސިސްޓަމެއް ބޭނުންކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރިޔަށް ދިޔައީ މާ ކާމިޔާބު ކޮށެއް ނޫނެވެ.

އެސްޓީއޯގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ނިންމާފައިވަނީ، މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާއިން، ހިއްސާއަކަށް 51 ރުފިޔާ ބެހުމަށެވެ.

މީގެ އިތުރުން އެކުންފުނީގެ ހިއްސާދާރުންގެ ޚާއްސަ ވެބް ޕޯޓަލެއްވެސް ވަނީ ޖަލްސާގައި ލޯންޗުކޮށްފައެވެ.