ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާ އަޅައިކިޔުމަކީ ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެއްގޮތަކަށް ވެސް ހިތްހަމަޖެހޭ ކަމެއް ނޫންކަމަށް އޭނާ ބުނެފިއެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި މިވަގުތު ތިބި އެންމެ ނުފޫޒުގަދަ މި ދެކުޅުންތެރީން ވަނީ، ވޭތުވެ ދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑު އެހެން ދިމާއަކަށް ދިޔަ ނުދީ ހިފަހައްޓައިފައެވެ. އެގޮތުން، މެސީ ފަސްފަހަރު އެ އެވޯޑް ހޯދާފައި ވާއިރު، އަނެއް ހަތަރު ފަހަރު އެ އެވޯޑް ހޯދީ ރޮނާލްޑޯއެވެ.

މިފަހަރުވެސް ބެލޮންޑިއޯ އެވޯޑު ގެންދާނެ ކުޅުންތެރިއަކާ މެދު ފޯރިގަދަ ބަހުސުތައް ކުރިއަށް ދާއިރު، ގިނަ ބަޔަކު ދަނީ މެސީއާ ރޮނާލްޑޯއާ ދެކުޅުންތެރީންގެ ތެރެއިން މޮޅުކުޅުންތެރިއަކީ ކޮބައިތޯ ބުނެދިނުމަށް މި ދެކުޅުންތެރީން ތަފާތު ގޮތްގޮތަށް މިނެކިރަމުންނެވެ.

ރޮނާލްޑޯ ބުނީ، މެސީއަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އަދި މޮޅެތި ކުޅުންތެރީންގެ ކުޅުމަށް އަބަދުވެސް އޭނާ ޝައުގުވެރިވާ ކަމަށެވެ.

"އަހަރެން ބޭނުންވޭ މޮޅެތި ހުރިހާ ކުޅުންތެރީންވެސް ކުޅޭތަން ބަލަން، މެސީއަކީވެސް އޭގެ ތެރޭން އެއް ކުޅުންތެރިއެއް،" ފޮކްސް ސްޕޯޓްސް އާޖެންޓީނާއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހޭ، މެސީ ކުޅޭތަން ފެނުމުން، ހަމަ އެގޮތަށް އެފަދަ އެހެން ކުޅުންތެރީން ކުޅޭތަން ފެނުމުންވެސް."

ރެއާލް މެޑްރިޑުން މިފަހަރުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައިވާއިރު، ރޮނާލްޑޯ ވަނީ އޭނާ މިސީޒަންގައި ކުޅުނު ހުރިހާ މުބާރާތެއްގައި ރެއާލަށް ޖުމުލަ 40 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޓްރޮފީއާ ދިމާއަށް މިސްރާބު ޖަހާފައިވާ ރޮނާލްޑޯ އަކީ މިފަހަރު އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ފަސްވަނަ ފަހަރަށް ކާމިޔާބުކޮށް މެސީގެ ރެކޯޑާ އަރައި ހަމަކުރާނޭ ކަމަށްވެސް ގިނަ ބަޔަކު ލަފާކުރާ ކުޅުންތެރިޔާއެވެ.

ރޮނާލްޑޯ ބުނީ، މެސީއަކީ އޭނާގެ ގާތް ރަހްމަތްތެރިއެއް ނޫންކަމަށާއި އަދި ހަމަ އެހެންމެ އޭނާގެ ވާދަވެރިއެއް ވެސް ނޫން ކަމަށެވެ.

"މެސީއާ އަހަންނާ ދިމާވެއްޖިއްޔާ އަބަދުވެސް ދެމީހުންގެ ދެމެދުގައި ގާތް ގުޅުމެއް އޮވޭ،" ރޮނާލްޑޯ ބުންޏެވެ.

"އެކަމަކު އޭގެ މާނައަކީ އަހަރެން މެސީގެ ގެއަށްގޮސް ކައިބޮއި ހަދާ ވާހަކައެއް ނޫން. އެއީ ރައްޓެއްސެއް ނޫން، އެކަމަކުވެސް އަހަރެމެން ދެމީހުން މަސައްކަތްކުރާ ދާއިރާގެ ގޮތުން މެސީއަކީ އަހަރެންގެ ބައިވެރިއެއް. އެކަމަކު އެއީ އަހަރެންގެ ވާދަވެރިއެއް ނޫން، ސަބަބަކީ އަހަރެން އެގޮތަށް އަޅައިކިޔާން ނޭދޭތީ."

ރޮނާލްޑޯ ބުނީ، އޭނައާ މެސީއަކީވެސް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރީން ކަމަށާއި، އެގޮތުން އެހެން ކުޅުންތެރީންނެކޭ އެއްގޮތަށް މަސައްކަތުގެ މާހައުލުގަ، ނުވަތަ ފުޓްބޯޅައިގެ ދުނިޔޭގައި ދެމީހުންގެ ދެމެދުގައި އެ އޮންނަ ގުޅުމެއް އޮންނާނޭ ކަމަށެވެ.