01 Jun 2017, 15:11
ރޯދަ މަހަށް ރާއްޖެއިން ބޭރުން މުދާ ހިފައިގެން ރާއްޖެއައި ހުރިހާ ބޯޓެއްގެ މުދާ ވިޔަފާރިވެރިންނާ ހަވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް) އިން ބުނެފި އެވެ.
މީގެ ކުރީ އަހަރުތަކަށް ބަލާއިރު ބޯޓްތަކުން ގެންނަ މުދާތައް ނުލިބި ގިނަދުވަސް ވުމުގެ ސަބަބުން ބާޒާރުގައި ބައެއް ތަކެތި ލިބުން ދަތިވެ އެވެ. އަދި އެއީ ތަކެތީގެ އަގު ބޮޑުވާ ސަބަބުކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
އެމްޕީއެލްގެ ޗީފް މެނޭޖާ އިބްރާހިމް ވަހީދު، މިއަދު ސަން އަށް ވިދާޅުވީ ރޯދައަށް ފިޔާ، އަލުވި، ބިސް ފަދަ ތަކެތި ހިފައިގެން އައި ހަތަރު ބޯޓް ވެސް ހުސްކޮށް ހުރިހާ މުދާ ވިޔަފާރިވެރިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އެއީ 2000 ޓަންގެ މުދާ، އަޅުގަނޑުމެންގެ ގުދަން ވަނީ ހުސްވެފައި، މީގެ ކުރިން ވާކަމެއް ނޫން މިއީއެއް،" އިބްރާހިމް ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ މުދާ ކްލިއަރެންސް އަވަސް ކުރުމަށް ކުރިން ބޭނުންކުރި ތިން ފޯކްލިފްޓްގެ އިތުރުން އިތުރު ހަ ފޯކްލިފްޓް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
ރާއްޖެއިން ބޭރުން މުދާ އެތެރެކުރާ ފަރާތްތަކަށް މީގެ ކުރިން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި ވަނީ އެތައް ދުވަހެއް ވާއިރު ވެސް މުދާ ހުސްނުކުރެވުމެވެ. އެކަން ހައްލު ކުރުމަށް އެމްޕީއެލްއިން ވަނީ ދާދިފަހަކުން ގިނަ އަދަދެއްގެ އިކްއިޕްމެންޓްތަކެއް ގެނެސް ބޭނުން ކުރަން ފަށައިފަ އެވެ.