ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ދޫނިދޫގައި ހުއްޓަސް އެމަނިކުފާނު ގޭބަންދަށް ބަދަލުކުމަށް އެދެންޖެހޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެގޮތަށް ބުނީ ރޯދަ މަހަށް އަދީބު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި ގާނޫނީ ވަކީލު މޫސާ ސިރާޖު ފޮނުވި ސިޓީގެ ޖަވާބުގައެވެ.

އެ ސިޓީގައި ވަނީ އަދީބަކީ ޝަރުއީ ކޯޓަކުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ހުކުމް ތަންފީޒުކުރުމުގެ ގޮތުން ބަންދުގައި ހުންނަ މީހެއް ކަމަށެވެ. އެހެންކަމުން ގޭބަންދަށް ބަދަލުކުރެވޭތޯ ދަންނަވަންޖެހޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ކަމަށް ފުލުހުންގެ ސިޓީގައިވެ އެވެ.

ރޯދަ މަސް ނިމެންދެންް އަދީބު ގޭބަންދަށް ބަދަލުކުރަން އެދުނީ އެމަނިކުފާނުގެ ސިއްހީ ބޮޑެތި މައްސަލަތަކެއް ހުރުމުން ކަމަށް ގާނޫނީ ވަކީލު ފޮނުވި ސިޓީގައިވެ އެވެ.

އަދީބު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި ކަރެކްޝަނަލް ސާވިސްގައި ވެސް ވަނީ އެދިފައި ކަމަށާއި ނަމަވެސް އެ ސިޓީގެ ޖަވާބު އަދި ނުލިބޭ ކަމަށް އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވިއެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވަނީ ރޯދަ މަސް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފައެވެ.