01 Jun 2017, 14:53
ވޮޝިންޓަން (ޖޫން 1): އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ކުއްޔަށް ނެންގެވި ގެ 8.1 މިލިއަން ޑޮލަރަށް ބައްލަވައިގެންފި އެވެ.
ވޮޝިންޓަންގެ ކަލޮރާމާގައި ހުންނަ 8،200 ސުކޮއާ ފޫޓުގެ އެ ގެ ހުންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ ޑިޕްލޮމެޓުންނާއި، ސިޔާސީ ފަރާތްތައް އުޅުއްވާ ސަރަހައްދެކެވެ.

އޮބާމާ ބައްލަވައިގަތް ގޭގެ އެތެރެ -- ފޮޓޯ: އެލްއެލްސީ
އެގޮތުން ދާދި ފަހުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕާއި ފިރިކަލުން ޖެރަޑް ކުޝްނާ އާއި ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވަނީ އެސަރަހައްދުން ގެތައް ބައްލަވައިގެންފަ އެވެ.
އޮބާމާ ބައްލަވައިގަތް ގެޔަކީ އެސަރަހައްދުން ދެ ވަނަ އަށް އެންމެ ބޮޑު އަގަކަށް ވިކުނު ގެއެވެ. އެސަރަހައްދުގައި ހުރި އެންމެ އަގުބޮޑު ގެއަކީ އެމެޒޯންގެ ބާނީ ޖެފްރީ ބީޒޯސްގެ 23 މިލިއަން ޑޮލަރުގެ ގެޔެވެ.

އޮބާމާ 8.1 މިލިއަން ޑޮލަރަށް ބައްލަވައިގަތް ގެ -- ފޮޓޯ: އެލްއެލްސީ
ނުވަ ކޮޓަރި ހުންނަ އެ ގެ އަކީ މީގެ ކުރިން ބިލް ކްލިންޓަންގެ ކުރީގެ ޕްރެސް ސެކްރެޓަރީއެއް ކަމަށްވާ ޖޯ ލޮކްހާޓްގެ ގެއެކެވެ. ލޮކްހާޓް އެ ގެ ބައްލަވައިގެންނެވީ 2014 ވަނަ އަހަރު 5.295 މިލިއަން ޑޮލަރަށެވެ.
އޮބާމާ އެ ގެ ބައްލަވައިގަތްކަން އޭނާގެ ތަރުޖަމާނު ކެވިން ލިއުވިސް ވަނީ ޔަގީންކޮށްދެއްވާފައިކަން ޗިކާގޯ ސަން ޓައިމްސް އިން ބުނެ އެވެ. ލިއުވިސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ އަހަރާއި ބައި ވަންދެން އޮބާމާ އާއިލާ ދިރިއުޅުއްވާނީ ވޮޝިންޓަންގަ އެވެ.