01 Jun 2017, 14:21
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވަކި ރަށެއް ހޯދުމަށް ހުށަހެޅުންތައް ހުށަހަޅަން ޖެހޭ ސުންގަޑި ކަނޑައަޅައި އިއުލާން ކުރުމަކާ ނުލައި 17 ރަށަކާއި ފަޅެއް ދޫކޮށްފައިވާ ކަމަށް އޭރު އުފެއްދި ނޭޝަނަލް ޕްލޭނިން ކައުންސިލް (އެންޕީސީ)ގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފި އެވެ.
ނޭޝަނަލް ޕްލޭނިން ކައުންސިލަކީ 2011 ވަނަ އަހަރު ރައީސް ނަޝީދު އުފެއްދެވި ކައުންސިލެކެވެ. އެ ކައުންސިލުގެ ރިޔާސަތުގައި ވެސް ހުންނަވައިގެން ކައުންސިލްގެ ކަންތައްތައް ލީޑް ކުރެއްވީ އެމަނިކުފާނެވެ.
އެމަނިކުފާނުގެ ސަރުކާރުން އެ ރަށްތައް ދޫކުރީ މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްކުރުމަށާއި ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށެވެ.
އޮޑިޓް ރިޕޮޓުގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ފާހަގަކޮށްފައިވާ ގޮތުގައި ސީއެސްއާރު މޮޑެލްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި މަސައްކަތްކުރުމަށް ރަށްރަށާއި ބިން ނުވަތަ ފަޅު ހޯދުމަށް އެންޕީސީއަށް ޖުމުލަ 660 ޕްރޮޕޯސަލް އެކި ފަރާތްތަކުން ހުށަހަޅާފައިވެ އެވެ.
ނަމަވެސް އެ ޕްރޮޕޯސަލްތަކުގެ ތެރެއިން ސޮއިކޮށްފައި ވަނީ އެންމެ 11 ޕްރޮޕޯސަލްއަކާ ގުޅޭ ސީއެސްއާރު އެގްރިމަންޓުގައި ކަމަށްވާއިރު އެ 11 އެއްބަސްވުން ހަދާފައި ވަނީ އެފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް ފާސްކޮށްފައިވާ އިވެލުއޭޝަން ކްރައިޓީރިއާ އެއްގެ ދަށުން ވަޒަންކޮށްގެން ނޫންކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުގައި ރަށްތައް ދޫކުރުމަށް އެންޕީސީން ނިންމައި އެ ފަރާތްތަކާ މުއާމަލާތްތައް ކުރަމުން ދިޔައިރު ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމަށް ދޫކުރަން ހަމަޖެހިފައި ވަނީ ކޮން ރަށްތަކެއްކަން އެނގޭ ގޮތަށް އެކަމާ ގުޅޭ މަޢުލޫމާތު އާންމުކޮށްފައި ނުވެ އެވެ. އަދި އޭގެ ފަހުން ސީއެސްއާރު މޮޑެލްގެ ބަދަލުގައި 2013 ވަނަ އަހަރު އެ ރަށްތަކުން އިކުއިޒިޝަން ކޮސްޓެއް ނަގަން ނިންމިކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ޒިޔަތު ވަނީ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ރަށްތަކާއި ބިން އަދި ފަޅުތައް ތަރައްގީކުރުމަށް އަމިއްލަ ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް އިންސާފުވެރިކަމާ އެކު ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.
އަދި އެފަދަ ކަންކަމަށް ދޫކުރަން ހަމަޖެހިފައިވާ ތަންތަނުގެ މައުލޫމާތާއި ޕްރޮޕޯސަލްތައް ހުށަހެޅުމުގެ މުއްދަތު އާއްމުކުރުމަށް ފަހު ނޫނީ ދޫނުކުރަން ވެސް އޮޑިޓާ ޖެނެރަލް އަންގަވާފައިވެ އެވެ.