މިއަދު ހެނދުނު މާލެއަށް ކުރި ވިއްސާރައިގައި 55 މޭލަށް ޖެހުނު ކަމަށް މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސެންޓަރުން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިއަދު ހެނދުނު ކުރި ވިއްސާރައިގައި ވައި އެންމެ ގަދަވެފައިވަނީ 09:38 ޖަހާކަށްހާއިރު ކަމަށެެވެ. ވިލާގަނޑުގައި 55 މޭލަށް ވައިގަދަވި އިރު، އެވްރެޖްކޮށް ވައިޖެހިފައިވަނީ، 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމްށް މެޓް އޮފީހުން މައުލޫމާތު ދެ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިއަދު މީ މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް އެންމެ ވައި ގަދަވި ދުވަސް ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ހާއްސަކޮށް މެދު ރާއްޖެ ތެރެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ހޯމަ ދުވަހާ އުތުރާއި މެދުތެރޭގެ ރަށްތަކަށް ގަދަޔަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އެހެން ނަމަވެސް ހޯމަދުވަހުން ފެށިގެން ކުޑަކޮށް މޫސުން ރަނގަޅުވާން ފަށާނެ ކަމަަށް ލަފާ ކުރެވޭކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މާލެއަށް ކުރި ވިއްސާރައިގައި ވައިގަދަވެ ބައެއް ގަސްތައް ވެއްޓިފައިވާއިރު، ފުލުހުންވެސް ވަނީ، މަގުމަތީ އެއްޗެހި ދުއްވާއިރު ސަމާލުވެ ދުއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.