01 Jun 2017, 13:45
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި ރީޖަނަލް ފީހާރަތަކުގައި ރޯދަމަހަށް ހާއްސަކޮއްގެން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަންގެ މުއްދަތު ރަމަޟާން މަސް ނިމެންދެން އިތުރުކޮށްފި އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެށި އެ ޕްރޮމޯޝަންގެ މުއްދަތު މީގެ ކުރިން އޮތީ މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. އެސްޓީއޯ ހޯމްއިމްރޫވްމަންޓުން ބުނި ގޮތުގައި އެ ޕްރޮމޯޝަނުގެ މުއްދަތު އިތުރު ކުރީ މިއަހަރުގެ ޕްރޮމޯޝަންއަށް ވަރަށްބޮޑު ތަރުހީބެއް ލިބެމުންދާތީ އެވެ.
ިޕްރޮމޯޝަންގައި 1000 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް އެސްޓީއޯ އިން ދޫކުރެ އެވެ. އަދި ގުރުއަތުން ހޮވޭ މީހަކަށް ކޮންމެ ހަފްތާއަކު އިނާމުތަކެއް ދިނުމަށް ވަނީ ތައާރަފުކޮށްފަ އެވެ. އޭގެތެރޭގައި ފިލިޕްސް ޓީވީ، ހިޓާޗީ ޝަވާ ހީޓާ، ފިލިޕްސް ހެއާ ކާލާ، މަކިޓާ ޕެޓްރޯލް ކީސް އަދި ވެސް ވަރަށް ގިނަ އިނާމްތައް ހިމެނެ އެވެ.
އަދި މީގެ އިތުރުން ޕްރޮމޯޝަން ނިމުމުން ނަގާ ގްރޭންޑް ލަކީޑްރޯގައި ވަރަށް އަގުހުރި ބޮޑެތި އިނާމްތަކެއް ލިބިގެންދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ. އެގޮތުން ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެތެރޭގައި ސަންލޭންޑް ޖާރނީގެ ފަރާތުން ހުށަހަޅާފައިވާ ދެ މީހަކަށް ބެންކޮކް ދެކޮޅު ޓިކެޓާއި މޯލްޑިވިއަންގެ ފަރާތުން ހުށަހަޅާފައިވާ ޗެންނާއީ ދެކޮޅު ޓިކެޓާއި އަދާރަން ހުދުރަން ފުށި ރިސޯޓް އަށް ދެރޭގެ ހުރުން އަދި ސަންފްރަންޓް ލިވިންގްގެ ފަރާތުން ހުށަހަޅާފައިވާ ގާރލެންޑޯ މޭޒެއް ހިމެނެ އެވެ.
މީގެ އިތުރުން ހިޓާޗީ ފްރިޖް، މެޝިން، އޭސީ، އެއާ ފްރަޔާ، ޕްރޮޖެކްޓަރު އަދި އިތުރު އިނާމްތައ ހިމެނެ އެވެ. އެސްޓީއޯ އިން ބުނި ގޮތުގައި އެ ޕްރޮމޯޝަން ތެރޭގައި 300،000 ރުފިޔާއަށް ވުރެ ގިނަ އަގުރުހި އިނާމްތައް ހިމެނެ އެވެ.
އެ ޕްރޮމޯޝަނަކީ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުގައި ބާއްވާ އެންމެ ބޮޑު ސޭލެވެ.