01 Jun 2017, 12:41
މޫސުން ގޯސްވެ ކަނޑުގަދަވެފައި ވަނިކޮށް ދަތުރުކުރަމުން ދިޔަ ދެ ދޯންޏެއް ދިޔަވެ، އަޑިއަށްދާތީ އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ހަރަކާތްތެރިވަމުން އެބަގެންދެ އެވެ.
އެމްއެންޑީއެފުން ބުނީ ފުރަތަމަ ދިޔަވެ އަޑިއަށް ދާން ފެށީ އަރިއަތޮޅުގައި އޮންނަ ރަންވެލި ރިސޯޓަށް ދަތުރުކުރަމުން ދިޔަ "ރޯދި" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ކަމަށެވެ. އެ ދޯނީގައި ތިން މީހަކު ތިއްބެވެ.
އޭގެ އިތުރުން "އަކިރިސް" ނަމަކަށް ކިޔާ ބޯޓެއް މާލެ އިން ފުރައިގެން ވ. ކެޔޮދޫ އަށް ދަތުރުކުރަމުން ދަނިކޮށް ކ. ގުރައިދޫ ކައިރިން ދިޔަވަމުން އަންނާތީ އެމްއެންޑީއެފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ އެ އުޅަނދުގައި ވެސް ހަތަރު މީހަކު ތިބި ކަމަށެވެ.
އެ ދެ ދޯނި ވެސް ދަތުރު ކުރަމުން ދަނިކޮށް މި ދެ ހާދިސާ ވެސް ދިމާވެފައި މި ވަނީ ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދަކުންނެވެ.
މެޓް އޮފީހުން މިއަދު ހެނދުނު ވަނީ މެންދުރު ފަހު 2:00 އާއި ހަމައަށް އުތުރުގެ އަތޮޅުތަކާއި މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރެފަ އެވެ.
އެ ސަރަހައްދުތަކުގައި ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާއިރު ދަތުރު ކުރުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެވެ.