ބެއިޖިން (ޖޫން 1): އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ޗައިނާގެ ޝިންޖަންގް ޕްރޮވިންސުގައި ދިރިއުޅޭ މުސްލިމުން ރޯދަ ހިފުމަށް ހުރަސް އެޅުމުގެ ގޮތުން އެގައުމުގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅައިފި އެވެ.

ޝިންޖަންގުގައި ދިރިއުޅޭ އުއީގާ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ ވޯލްޑް އުއީގާ ކޮންގްރެސް (ޑަބްލިއުޔޫސީ) އިން ބުނި ގޮތުގައި ޝިންޖަންގުގެ އޮފިޝަލުން ވަނީ ރޯދަ މަހު ހުރިހާ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓުމަށް އަންގާފަ އެވެ. އެއީ ރޯދަ މަހު ޝިންޖަންގުގައި ސުލްހަ ދެމެހެއްޓުމަށް އެޅި ފިޔަވަޅެއް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އަދި ޝިންޖަންގުގައި ކޮމިއުނިސްޓް ޕާޓީގެ މެމްބަރުން 24 ގަޑި އިރަށް ދެމިގެންދާ ޑިއުޓީ ފުރިހަމަ ކުރުމަށާއި އެޕްރޮވިންސުގެ ދަރިވަރުން ކޮންމެ ހުކުރު ދުވަހަކު އެއްތަންވެ، 'އެއްކޮށް ކިޔަވައި، ކޮމިއުނިސްޓު ފިލްމު ބަލައި، ކުޅިވަރު ކުޅުމަށް' އޮފިޝަލުން އަންގާފައިވެ އެވެ.

މީގެ އިތުރުން، އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި ޝިންޖަންގްގެ ބައެއް ސަރަހައްދުތަކުގައި ވަނީ ސަރުކާރުގެ ވަޒީފާ އަދާ ކުރާ މީހުން ރޯދަ ހިފުން މަނާކޮށް، ރޯދަ ހިފާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހުވެސް ޝިންޖަންގުގައި ވަނީ ކޮމިއުނިސްޓް ޕާޓީ މެމްބަރުންނާއި، ސިވިލް ސާވަންޓުންނާއި، ކިޔަވާ ކުދިންނާއި ކުޑަކުދިން ރޯދަ ހިފުން މަނާކޮށްފަ އެވެ.

ގާތްގަނޑަކަށް 10 މިލިއަން މުސްލިމުން ދިރިއުޅޭ ޝިންޖަންގުގައި މިދިޔަ މަހު ވަނީ އަލަށް އުފަންވާ ކުދިންނަށް މުސްލިމް ބައެއް ނަންތައް ކިޔުން މަނާކޮށްފަ އެވެ. އަދި އޭގެ ކުރިން މާޗް މަހު ވަނީ މޫނު ބުރުގާ އެޅުމާއި 'އާދަޔާ ހިލާފަށް' ތުނބުޅި ދިގު ކުރުމުން މަނާކޮށްފަ އެވެ. (އިންޑިޕެންޑެންޓް)