01 Jun 2017, 11:21
ޖަރުމަނުގެ ކްރިސްޓިއަން އާއިލާ އަކަށް އުފަން ހެރީ އަކީ އެންމެ ކުޑަ އިރުން ފެށިގެން ވެސް ވަރަށް ހިތްދަތި އެހާމެ ފަގީރު ދިރިއުޅުމެއް އުޅެން ޖެހުނު ޒުވާނެކެވެ. އޭނަ އާއި އޭނާގެ ދެ ކޮއްކޮ ބަލައިބޮޑު ކުރީ މަންމަ އެކަންޏެވެ. ވަރަށް ތުއްތު އިރު އޭނާގެ ބައްޕަ ވަނީ އާއިލާ ދޫކޮށްލުމަށް ފަހު ގޮސްފަ އެވެ.
ބައްޕަ އާއިލާ އަށް ފުރަގަސް ދިން ފަހުން، ހެރީގެ މަންމަ ދެވަނަ ކައިވެންޏެއް ކުރި ނަމަވެސް، ކޮންމެސް މައްސަލައެއްގައި ދޮން ބައްޕަ ހައްޔަރު ކުރި ގޮތަށް މިއަދާ ހަމައަށް ވެސް ދޮން ބައްޕަ އަށް ވީގޮތެއް ނޭނގެ އެވެ. އެއީ ހެރީގެ އުމުރުން ހަތަރު އަހަރުގަ އެވެ. އަމިއްލަ ދަރިއެއް ކަމުގައި ނުވި ނަމަވެސް، ހެރީ ދެކެ އިންތިހާ އަށް ލޯބިވި ދޮން ބައްޕަ ފުލުހުންގެ ވެހިކަލަށް އަރަމުން އެންމެ ފަހުން ބުނީ ވެސް ހެރީ ދެކެ ލޯބިވާ ވާހަކަ އެވެ.
ލޯބިވާ ދޮން ބައްޕަ އޭނާ އާ ވަކިވެގެން ދިއުން ވެގެން ދިޔައީ ހެރީގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވި ކަމަކަށެވެ. އޭނާގެ ތުއްތު ސިކުނޑި އަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރުވި ކަމަކަށެވެ.
ހެރީގެ ދޮން ބައްޕަ ހައްޔަރު ކުރި ފަހުން، އޭނާގެ އަސްލު ބައްޕަ ވަނީ އެނބުރި އައިސް މަންމަ އާއި ކައިވެނި ކޮށްފަ އެވެ. ނަމަވެސް ބައްޕަގެ ފަރާތުން އެއްވެސް ކަހަލަ އަޅާލުމެއް އަދި ލޯތްބެއް ވެސް ހެރީ އާއި ހެރީގެ ކޮއްކޮ މެންނަކަށް ނުލިބުނެވެ. ބަދަލުގައި ލިބުނީ އަނިޔާ އެވެ. ވަޒީފާ އަށް ދަނީ މަންމަ އެވެ. ކުދިންގެ ކަންކަން ބަލަހައްޓައި، ގޭގެ ޚަރަދުތައް ހަމަޖެއްސުމަށް މަންމަ ތިން ވަޒީފާ އަށް ދިޔަ އެވެ. ކޮންމެ ރެޔަކު މަންމަ ކަރުނަ އަޅައި ރޮމުން ގެންދާ މަންޒަރު ހެރީ އަށް ފެނެ އެވެ. އެންމެ ފަހުން އަނެއްކާ ވެސް ބައްޕަ އެމީހުން ދޫކޮށްލާފައި ދިޔައީ އެވެ.
ގޭތެރޭގައި ހެރީގެ ސިކުނޑި ފަޅައިގެން ދާވަރު ވާއިރު، ސްކޫލުގައި އޭނާ އަށް ކުދިން ފުރައްސާރަ ކުރި އެވެ. ފަގީރު ވުމާއެކު، ހަމުގެ ކުލަ ކަޅުވުމުންނެވެ. ފުޓުބޯޅައިގެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވި ހެރީ ބޮޑު ވަމުން ދިޔައީ ވަރަށް ދަތި ހާލުގަ އެވެ. ހިތުގައި އެތައް ޝަކުވާ އަކާއި ނަފުރަތެއްގެ ހުޅު ވަނީ ރޯވެފަ އެވެ.
ކޮލެޖު ހަޔާތް ފެށި އިރު، ހެރީ ވަނީ މުޅިން ބަދަލުވެފަ އެވެ. ކުޑައިރު ބަސް އަހާ ކުއްޖެއްގެ ގޮތުގައި ލޭބަލްވި ނަމަވެސް، ދިމާވި ގްރޫޕަކާ އެކު އޭނާ އެކީ މަގުން ކައްސާލީ އެވެ. ކިޔެވުން ދޫކޮށްލައި މަގުމަތީގެ ދިރިއުޅުން އިޚްތިޔާރު ކުރީ އެވެ. ވައްކަން ކުރުމާއި، ފޭރުމާއި، މަސްތުގެ ދަލުގައި ޖެހުނީ އެވެ. ފަގީރު ހާލަތުގައި އުޅުނު ހެރީ އަށް މިހާރު ފައިސާ ލިބެ އެވެ. މަންމަ ހޭލާ އިރު ބަދިގޭގެ ކައުންޓަރު މަތީގައި ދުވަހުގެ ޚަރަދުތަކަށް ވާވަރަށް ލާރި ހުރެ އެވެ.
ހެރީ އަށް ވިސްނުނުގޮތުގައި އޭނާ ކުރަމުން ދިޔައީ ރަނގަޅު ކަމެކެވެ. މަންމަ އަށް އެހީތެރިވެ، ކޮއްކޮ މެންގެ ޚަރަދުތަކާއި ގޭގެ ޚަރަދުތައް ބެލެހެއްޓުމުގައި އޭނާ ވެސް ބައިވެރިވަނީ އެވެ. ވިޔާނުދާ ދިރިއުޅުމެއް އުޅެމުން ދަނިކޮށް އެންމެ ފަހުން އޭނާ ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ބެދުނީ އެވެ.
ދެ ފަހަރު ޖަލަށް ދާން ޖެހުނު ހިސާބުން، މަންމަ ވަރަށް ބޮޑަށް އާދޭސް ކޮށްގެން ހެރީ އާއި އާއިލާ ގޮވައިގެން ލަންޑަނަށް ދިރިއުޅުން ބަދަލު ކުރީ އެވެ. އިސްލާމް ދީން ހެރީ އާ ބައްދަލު ކުރީ ލަންޑަނަށް ބަދަލުވި ފަހުންނެވެ.
ލަންޑަނަށް ބަދަލުވި ނަމަވެސް ހެރީގެ އުޅުމަށް އެއްވެސް ބަދަލެއް ނާދެ އެވެ. ފަގީރުކަމާއި، ތަފާތު ކުރުމާއި، ފުރައްސާރައިގެ ސަބަބުން އޭނާ ދިރިއުޅުން މަތިން ފޫހިވެ، އޭނާގެ ކޮއްކޮމެންނާއި މަންމަ އަށް ވެސް އަނިޔާ ކުރާ ހިސާބަށް ކަންތައް ދިޔަ އެވެ.
ހެރީގެ ހިތަށް ކުޑަވެސް އަސަރެއް ކުރީ އޭނާގެ އުޅުމުގެ ސަބަބުން މަންމަ ކަރުނަ އަޅާ މަންޒަރު ފެންނަން ފެށުމުންނެވެ. އެހެންކަމުން އަލުން ކޮލެޖަށްގޮސް ދިރިއުޅުން އިސްލާހު ކުރަން އަޒުމް ކަނޑައެޅި އެވެ. މިއީ ހެރީގެ ދިރިއުޅުމުގައި އައި "ޓާނިން ޕޮއިންޓް" އެވެ.
ކޮލެޖުން އޭނާ އާ ދިމާވީ އޭޝިޔާގެ ޒުވާނަކާ އެވެ. މުސްލިމެކެވެ. ހެރީގެ އެންމެ ގާތް އެކުވެރިއަކަށް ވެގެން ދިޔައީ އެ ޒުވާނާ އެވެ. ދިރިއުޅުމުގައި ދިމާވި ހުރިހާ ކަމެއް އެކުވެރިޔާ އާ ހިއްސާ ކުރި އެވެ. އަދި ދުނިޔޭގެ ގިނަ ވާހަކަތަކެއް ދެމީހުން ހިއްސާ ކުރި އެވެ. އޭނާ އަކީ މުސްލިމެއް ނަމަވެސް، އިސްލާމް ދީނުގެ މާގިނަ ކަންކަމެއް ހެރީ އޮޅުންފިލުވާކަށް ނޫޅުނެވެ.
އެ އަހަރުގެ ރަމަޟާން މަސް ބައްދަލު ކުރުމާ އެކު، ހެރީގެ އެކުވެރިޔާގެ އުޅުން ބަދަލުވެއްޖެ އެވެ. ވާހަކަ މަދުވެ، ބޭރު ތެރޭގައި އުޅުން މަދުވެއްޖެ އެވެ. އެކަމާ ގުޅިގެން ހެރީ ސުވާލު ކުރުމުން، އެއީ ރަމަޟާން މަސް ކަމަށާއި، ދުނިޔަވީ ކަންކަަމުގައި ވަގުތު ބޭކާރު ކުރުމަކީ އިސްލާމްދީންގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް އޭނާ ބުންޏެވެ.
އޭނާގެ ވަށައިގެންވާ މާހައުލަށް ނަޒަރުހިންގައި ހެރީ ބަލައިލީ އެއަށްފަހު އެވެ. މުސްލިމުން މާ އެކުވެރި އެވެ. ކަޅު މީހުންނާއި ދޮން މީހުން ނަމާދު ކުރަނީ އެކީގަ އެވެ. އޭނާ އަކީ ކަޅު ނަސްލުގެ މީހެއް ކަމުން ދޮން މީހުންނާ އެއް ފައްޅި އަކަށް ނުދެވެ އެވެ. އިސްލާމް ދީނުގައި ނަސްލީ ތަފާތު ކުރުން ނެތީ ހެއްޔެވެ؟ އެމީހުން ނަމާދު ކުރަނީ ކަލާނގެ އަށެވެ. އޭނާ ނަމާދު ކޮށް ދުއާ ކުރަނީ ކަލާނގެ އަށް ހެއްޔެވެ؟ ނޫނީ އީސާގެފާނަށް ހެއްޔެވެ؟ އަމިއްލަ ދީން އޭނާ އަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟
މި ހުރިހާ ސުވާލެއް އޭނާ އަށް އުނދަގޫ ކުރަން ފެށުމާ އެކު އެކުވެރިޔާގެ އެހީތެރިކަމަށް އެދުނެވެ. ބައެއް ކަންކަން އޮޅުންފިލުވައި ދިނުމަށްފަހު އެކުވެރިޔާ ހެރީ އަށް ދިނީ ޚަތިމެކެވެ. އިނގިރޭސި ތަރުޖަމާ އެކެވެ. ޤުރުއާނުގެ ބައެއް އާޔަތްތައް ކިޔެވުމަށް ފަހު އޭނާ ނިދީ އަމިއްލަ ދީނަށް މަލާމާތް ނުކުރަން ވެގެންނެވެ.
ނަމަވެސް އެ ރޭ ހުވަފެނުގައި އާނާ އަށް ފެނުނީ ކަޅު މީހަކު އައިސް އޭނާގެ އަތުގައި ހިފައިގެން ބޮޑު ގޭޓެއްގެ ކުރިމައްޗަށް ގެންދާ ތަނެވެ. އެ ގޭޓު ހުޅުމަށް އެ މީހާ ބުންޏެވެ. ގޭޓު ހުޅުވުމަށް ފަހު ހެރީ އެތެރެއަށް ވަނުމާ އެކު އިވެން ފެށީ ބަންގީގެ އަޑެވެ. ހުއްޓުމެއް ނެތި އިވެމުން ދިޔައީ ތަކުބީރެވެ. ސުބްޙާނަﷲ އެވެ.
އެ ރެޔަށް ފަހު އެކުވެރިޔާގެ ގާތަށް ގޮސް ދީނުގެ ކަންކަން އުނގެނި، އިސްލާމްވީ އެވެ. ޝަހާދަތުގެ ދެކަލިމަ ކިޔާލި ވަގުތު އޭނާގެ ހިތުގައި ހުރި ޝަކުވާ ތަކާއި ނަފުރަތު، ހިތުން ފިލައި، ތާހިރު ފެނަކުން މީހާގެ ނަފްސު ދޮވެވިގެން ދިޔަ ކަމުގެ އިހްސާސް ކުރެވުނެވެ. އަލްހަމްދުލިﷲ!
މިހާރު އެއީ ހެރީ އެއް ނޫނެވެ. ބިލާލް އެވެ.
ނަމަވެސް އެ ހިސާބުން އޭނާ އަށް ދިމާވި ގޮންޖެހުންތައް އިތުރުވި އެވެ. ކްރިސްޓިއަން ދީން ދޫކޮށް އިސްލާމްވި ކަން އިއުލާން ކުރުމާއެކު، އޭނާގެ މަންމަ ވަނީ ބިލާލް އަކީ މަންމަގެ ދަރިއެއް ނޫން ކަމަށް ބުނެފަ އެވެ. ޤުރުއާން ކިޔަވަން ފެށުމުން ޚަތިމު ޑަސްޓްބިނަށް އެއްލާލި އެވެ. ނަމާދަށް ހުންނަ ވަގުތު މޫނަށް ކުޅު ޖަހައި، ގަޔަށް ފެން ޖަހައި ހެދި އެވެ. އަދި އޭނާ އަކީ ޓެރަރިސްޓެއް ކަމަށް ބުންޏެވެ. ކޮއްކޮ މެން ވެސް އޭނާއާ ދިމާލަށް ހުތުރު ބަހުން މުއާމާލާތް ކުރަން ފެށި އެވެ. އެންމެ ފަހުން ގެއިން ވެސް ބޭރުކޮށްލީ އެވެ.
ބިލާލަށް ވަނީ އެކީގައި ދިރިއުޅެމުން ދިޔަ ދެ މުސްލިމުންގެ ފަރާތުން ލަނޑު ލިބިފަ އެވެ. މުސްލިމުންގެ އުސޫލުތަކަކީ އޮޅުވާލައި މަކަރު ހެދުން ހެއްޔެވެ؟ އެހިސާބުން ހުރިހާ އެއްޗެއް ގުރުބާން ކުރުމަށް ފަހު އިސްލާމް ދީން ގަބޫލު ކުރުމަކީ ކުރެވުނު އެންމެ ރަނގަޅު ކަންތައް ބާވައޭ ހިތަށް ވެސް އެރި އެވެ. އަދި އަނެއްކާ ވެސް ވިޔާނުދާ ދިރިއުޅުމަށް މީހާ ގެނބިގެން ދިޔަ އެވެ. އޭނާ އަށް އަޅާލާނެ އެކަކު ވެސް ދުނިޔޭގައި ނެތީމަ އެވެ. ވާހަކަތައް އަހާނެ ކަންފަތެއް ނެތީމަ އެވެ.
އެހެން ނަމަވެސް ﷲ ތެދުމަގު ދައްކަވައިފި އަޅަކަށް އޮތީ ދެދުނިޔޭގައި ވެސް ކާމިޔާބެވެ. މަގު އޮޅި މީހާ ގެނބެމުން ދަނިކޮށް، އޭނާ އަށް އިސްލާމް ދީން ދަސްކޮށްދިން އެކުވެރިޔާއާ އަލުން ބައްދަލުވެއްޖެ އެވެ. ވެއްޓެމުން ދިޔަ ވަޅުގަނޑުން އޭނާ ނަގައިދިނީ އެކުވެރިޔާ އެވެ. ނަރަކައިގެ ޢަޒާބަށް ބިރުވެތިވެ ބިލާލް ތައުބާވެއްޖެ އެވެ. ދެން އެނބުރި އެ ޖާހިލް ދިރިއުޅުމަށް ދާކަށް މިހާރު އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ބިލާލް ބޭނުމެއް ނުވެ އެވެ. ﷲގެ އިރާދަފުޅުން އޭނާ އަށް މިހާރު ވަނީ ދީނުގައި ސާބިތުކަން ލިބިފަ އެވެ. މުސްލިމް ޒުވާނުންނަށް ބިލާލް ދޭން ބޭނުންވާ މެސެޖަކީ:
"ދީނުގައި ސާބިތުވެ ތިބޭ. ވީވަރަކުން ނަމާދުކޮށް އަޅުކަންތަކުގައި ޝާމިލުވޭ. ޖާހިލުކަމުގައި ދިރިއުޅުން ހޭދަކުރާ މޮޔަ އަކަށް ނުވޭ. ތިމާ އަށް އެއްވެސް ފައިދާ އެއް ނުކުރާނެ. އިސްލާމް ދީނަށް ވުރެ ހެޔޮ ކަމެއް ތިމާއަކަށް ނެތް. ކީރިތި ރަސޫލާ އަކީ އެންމެ މާތް އިންސާނާ. އެކަލޭގެފާނުގެ ސުންނަތް ދޫކޮށް ފުރަގަސް ދޭން ބޭނުންވާނީ ކާކު؟ އެއީ ހަމަ ބުއްދިއަށް ގަބޫލު ކުރެވޭ ކަމެއް ނޫން. އަހަރެންގެ ކުރީގެ ދިރިއުޅުމުން އަހަރެން ގަންނަނީ ލަދު. ލިބެނީ ހިތާމަ. އިތުރު ކަމެއް އެ ދިރިއުޅުމުން ނުލިބޭ. އެއީ ފަޚުރުވެރި ވާން ޖެހޭ ދިރިއުޅުމެއް ނޫން. ވިޔާނުދާ ދިރިއުޅުން ދޫކޮށް، ދީނަށް އެނބުރި ރުޖޫޢަވޭ،"