ރައްޔިތުންގެ މަޖިލިސް ހުއްޓުވައިލުމަށް ޒެޑް-ފެކްޝަންގެ މެމްބަރުން ކުރައްވަމުން ގެންދަވާ ނޭދެވޭ އަމަލުތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލާ ގަރާރެއް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

މަޖިލީސް ކުރާ ގޭ ސަރަހައްދުގައި މިއަދު މެންދުރު މާލޭ ސިޓީ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި އެ ގަރާރު ފާސްކޮށްފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެތް އަށް މެމްބަރުންގެ ތެރެއިން ހަތް މެންބަރުންގެ އިއްތިފާގުންނެވެ. އެ ގަރާރުގައި ޒެޑް ފެޝްޝަނަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން މަޖިލީސް ކުރިއަށް ގެންދިއުން ހުއްޓުވަމުން ގެންދާ ނަމަ ޤާނޫނީ ފިޔަވަޅު އަޅުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ވަނީ އެދިވަޑައިގެންފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ޝަމާހު މިއަދު ވިދާޅުވީ އެފަދަ ގަރާރެއް ނެރެން ޖެހުނީ މަޖިލީހުގެ ޖަލްސާތައް އެގޮތަށް ހުއްޓުވަމުން ގެންދިއުމުގެ ސަބަބުން މަޖިލީސް ކުރާ ގޭ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވަމުން ދިއުމާ ގުޅިގެން އެކަމުގެ އުނދަގޫ ގިނަ ބަޔަކަށް ވަމުން ގެންދާތީ ކަމަށެވެ.

" ޒެޑް ފެކްޝަނޭ ކިޔައިގެން އުޅޭ ބަޔަކު ހިންގާ ކަމެއް މިކަމަކީ، އަޅުގަނޑުމެންގެ ބޭނުމަކީ އެފަދަ ކަންތައްތައް ތަކުރާރު ނުކުރުން، އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާއްމު ރައްޔިތުންނަށާއި އެސަރަހައްދުން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފައި،" ސަމާހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީސް ކުރާ ގެ ހުންނަ ސަރަހައްދަކީ އެއްވެ އުޅުން މަނާ ސަރަހައްދެއް ކަމަށް އެއްވެ އުޅުމާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު އިއްޔެ އިން ފެށިގެން އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ހަމަނުޖެހުންތައް ދަނީ ހިންގަމުންނެވެ.

ސަމާހު ވިދާޅުވީ މަޖިލީސް ކުރާގޭ ކައުންސިލްގެ މެންބަރުން އެސަރަހައްދަށް އެއްވީ ނޫން ކަމަށާއި އެބޭފުޅުން އެސަރަހައްދުގައި ޖަލްސާއެއް ބޭއްވި ޤާނޫނީ ލަފާގެ މަތިން ކަމަށެވެ. އަދި އެސަރަހައްދަށް އާއްމުން އެއްވާ މައްސަލާގައި ސަމާހު ވިދާޅުވީ ކައުންސިލުން ބަލަނީ އެސަރަހައްދަށް މީހުން އެއްވަނީ ކޮން ސަބަބަކާ ހުރެތޯ ބެލުމަށްފަހު އެކަމެއް ހައްލުކުރެވޭތޯ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާ މައްސަލާގައި ގަރާރެއް ނެރެފައިވާއިރު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލާފައި ވަނިކޮށް، ސިފައިން ވަދެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ގަދަކަމުން މަޖިލީހުން ނެރެފަ އެވެ.