ދ. ކުޑަހުވަދޫ ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖައްސައި ޝެޑިއުލް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ނިންމައިފި އެވެ.

ކުޑަހުވަދޫ އެއާޕޯޓާއެކު ރާއްޖޭގެ އެއާޕޯޓުތަކުގެ އަދަދު ވަނީ 12އަށް އަރާފަ އެވެ. ކުޑަހުވަދޫއަށް މިއަދު ޖެއްސި ފްލައިޓުން، އެންމެ ފުރަތަމަ އެ ރަށަށް ފައިބައިވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓްރު މޫސާ ޒަމީރެވެ. އެމަނިކުފާނާއެކު މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވެސް އެ ރަށަށް ވަޑައިގެންނެވި އެވެ.

ކާމިޔާބުކަމާއެކު ކުޑަހުވަދޫ އެއާޕޯޓަށް މޯލްޑިވިއަންގެ ފުލައިޓް މިއަދު ހެނދުނު ޖެއްސިއިރު، ފުލައިޓުން ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ކުޑަހުވަދޫގެ ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައި ތިއްބެވެ.

ކުޑަހުވަދޫ އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖެއްސުން،: ސަރުކާރުގެ ވެރިންނާއެކު--

"ސަން"އަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ، މިހާރު އެ ކުންފުނިން ތައްޔާރުވަމުން އަންނަނީ ހަފްތާއެއްހާ ދުވަސް ތެރޭގައި ޝެޑިއުލް ދަތުރުތައް ފެށުމަށް ކަމަށެވެ.

"ފުރަތަމަ މި ފަށަނީ ދުވާލަކު ހަތަރު ފުލައިޓް އަޅާގޮތަށް، ޑިމާންޑަށް ބަލާފަ އެއަދަދު މަދު ކުރާނީވެސް ނޫނީ އިތުރު ކުރާނީވެސް،" ނަޝާތު ވިދާޅުވިއެވެ.

ކުޑަހުވަދޫ އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖެއްސުން،: ގިނަ އަދަދެއްގެ އާންމުން އެއްވެފައި--

ކުޑަހުވަދޫ އެއާޕޯޓަކީ 1،800 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭގައި ޖެޓު ޖެއްސެއެވެ.

އެއާޕޯޓު އެޅުމަށް ކުޑަހުވަދޫގައި 62.81 ހެކްޓަރުގެ ބިން ހިއްކިއެވެ. މިއީ އެއްފަހަރާ 42 ބޯޓަކަށް ޕާކިންގް ޖާގަ ވެސް އޮންނަ ގޮތަށް ހަދާ މި އެއާޕޯޓަކީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓަށް ވާނެއެވެ.