01 Jun 2017, 10:35
އިންޑިއާގެ ފަގީރު ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާ ފިލްމު 'ޓޮއިލެޓް: އެކް ޕްރޭމް ކަތާ' ރިލީޒް ކުރާނީ އަންނަ އޯގަސްޓު މަހުގެ 11 ވަނަ ދުވަހު ކަމަށް ފިލްމުގެ ޑައިރެކްޓަރު ބުނެފި އެވެ.
ޝްރީ ނާރާޔަން ސިންގ ޑައިރެކްޓު ކޮށް، އަކްޝޭ ކުމާރު އަދި ބޫމީ ޕެދްނޭކަރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ޓްރެއިލަރ ރިލީޒް ކުރާނީ ޖޫން 11 ވަނަ ދުވަހު އެވެ.
ބޮލީވުޑްލައިފް އަށް ދިން އިންޓަވިއު އެއްގައި އަކްޝޭ ބުނީ 'ޓޮއިލެޓް' އަކީ އިންޑިއާ އަށް ވަރަށް މުހިންމު ފިލްމެއް ކަމަށާއި، ފިިލްމަށް ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އަކްޝޭ ބުނީ އިންޑިއާގެ 54 ޕަސެންޓު އަކީ ފާޚާނާ ނެތް ހިސާބުތައް ކަމަށެވެ. އެހެންކަމުން ދެ ޖިންސުގެ މީހުން ވެސް ފާޚާނާ ކުރަން ޖެހެނީ ހާމަ ތަންތަނުގަ އެވެ.
ފާޚާނާ ނެތުމުން ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަކްޝޭ ބުނީ، ހާމަ ތަންތަނަށް ފާޚާނާ ކުރުން ހުއްޓުވިއްޖެ ނަމަ އިންޑިއާގައި ދިމާވާ ރޭޕްގެ މައްސަލަތައް 30 ޕަސެންޓު ކުޑަ ވާނެ ކަމަށް އޭނާ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަންހެނުން ފާޚާނާ ކުރަން ދާއިރު، ފިރިހެނުން މި ތިބެނީ ފާރަ އަށް. މިއީ ވަރަށް ސީރިއަސް މައްސަލަ އެއް،" އަކްޝޭ ބުނެފައިވެ އެވެ.
އެ ފިލްމާ އެއް ދުވަހެއްގައި އިމްތިއާޒް އަލީ ޑައިރެކްޓުކޮށް ޝާހުރުކް ޚާން އަދި އަނުޝްކާ ޝަރްމާ ލީޑު ރޯލުން ފެނިގެންދާ ފިލްމު ވެސް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.