ޣައްސާން މައުމޫން އިނގިރޭސި ވިލާތުގައި ކިޔަވަން އުޅުއްވި ދުވަސްވަރު އެކްސިޑެންޓެއްވެ އެ ހާދިސާގައި މީހަކު މަރުވުމުން އެކަން ފޮރުވަން ގިނަ އަދަދެއްގެ ފައިސާ ނަހަމަތުގައި ބޭރު ކުރިކަމަށް ވިދާޅުވެ ރިޔާސީ ކޮމިޝަންގެ ތަރުޖަމާން އަބްދުﷲ ހަސީން މީޑިޔާގައި ވާހަކަފުޅު ދައްކަވާފައިވާތީ އޭނާގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ޣައްސާނެގެ ގާނޫނީ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރުގެ ވޭލް ސަބް މެރިން އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޣައްސާންގެ ވަކީލު މުހަންމަދު ވަހީދު އިބްރާހިމް )ވައްޑޭ( ވިދާޅުވީ ޣައްސާނާ ގުޅޭގޮތުން ހަސީން ދައްކަވާފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން ޣައްސާންގެ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހަސީން މައްޗަށް ސިވިލް ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ.

"ހަސީން މަސައްކަތް ކުރައްވަނީ މި ސަރުކާރާއި، ރިޔާސީ ކޮމިޝަނާއި ހުދު އެބޭފުޅާގެ ނަގާބިލު ކަމުގައި ފަސް އަޅުއްވަން. ހަސީން އެ ދެއްކެވީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން. އަޅުގަނޑުމެން މިކަމުގައި އެއްވެސް ދުލެއް ނުދޭނަން. އަޅުގަނޑުމެން ހަސީންގެ މައްސަލަ ކޯޓަށް ވައްދާނަން،" ވައްޑޭ ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލަ ހުށަހަޅުއްވާނެ ވަކި ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޣައްސާން އިނގިރޭސި ވިލާތުގައި ކިޔަވަން ހުންނެވި ދުވަސްވަރު އެކްސިޑެންޓެއްވެ މީހަކު މަރުވި މައްސަލައެއްގެ ތަހުގީގު އިނގިރޭސި ވިލާތުގެ ގުޅުން ހުރި ފަރާތްތަކާއެކު ރިޔާސީ ކޮމިޝަނުން ކުރިއަށް ގެންދާ ކަމަށާއި އެ އެކްސިޑެންޓާ ގުޅިގެން ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ "ނަހަމަ ގޮތުގައި" ރާއްޖޭން ބޭރުކޮށްފައިވާ ކަމަށް ވިދާޅުވެ ހަސީން ވަނީ ރޭ މީޑިއާއަށް ވާހަކަފުޅު ދައްކަވާފަ އެވެ.
މީހަކު މަރައިލި ކަމުގެ ތުހުމަތު ޣައްސާންގެ މައްޗަށް ހަސީން ކުރައްވާފައިވާތީ އެއީ ޖިނާއީ މައްސަލައެއް ކަމަށާއި އެ މައްސަލަ ތަހުގީކޮށް ފިޔަވަޅު އަޅައިދިނުމަށް ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސާބިތު ކޮށްދޭނަން ހަސީންގެ އަބުރެއް އޮންނަ ގޮތަށް ޣައްސާންގެ އަބުރެއް ވެސް އޮންނަކަން. އެކަން އަޅުގަނޑުމެން އިރާދަކުރެއްވިޔާ ސާބިތުކޮށް ދޭނަން. ޣައްސާން މީހަކު މަރާފައެއް ނޯންނާނެ. އެވާހަކަ އެގޮތަށް ދައްކަވާފައި ވާތީ ޖިނާއީ މައްސަލަ އެއްގެ ގޮތުގައި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނަން،" ޣައްސާނުގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫންގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ވައްޑޭ ވިދާޅުވި އެވެ.

ހަސީންގެ ވާހަކަތައް ދޮގުކުރައްވައި ވައްޑޭ ވިދާޅުވީ ރިޔާސީ ކޮމިޝަނުން އެ މައްސަލައިގާ ޣައްސާން އާއިވެސް އަދި އާއިލާގެ ބޭފުޅަކާ ވެސް މިހާތަނަށް ސުވާލުކޮށްފައި ނުވާކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް އެފަދަ ކަމެއް ހިނގިތޯ ސުވާލުކުރުމުން އެގޮތަށް ފައިސާތަކެއް ބޭރުވެފައި ނުވާކަމަށް މަޖިލީހުގައި ދަންނަވާފައި ވާކަން އެގިވަޑައިގެންފައިވާ ކަމަށެވެ.

"ޑރ. ޝަހީދު އާ މީގެ ކުރިން ސުވާލުކުރީމާ އެފަދަ ކަމެއް ނުހިގާ ކަމަށް ދަންނަވާފައި ވަނީ. އެގޮތަށް އޮތް ކަމެއް މިކަމަކީ. ހަސީންގެ އެ ވާހަތަކުގައި އެއްވެސް ތެދެއް ނެތް. ހަސީން އެ ދައްކަވާ ވާހަކަފުޅުތައް ވެދާނެ އެއީ އެބޭފުޅާއަށް ހުވަފެނެއްގައި ފެނިވަޑައިގަތް ދެއްކެވި ވާހަކަފުޅެއް ކަމަށް،" ވައްޑޭ ވިދާޅުވި އެވެ.