31 May 2017, 23:51
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ ވަކީލު މިއަދު ކޯޓަށް ހާޒިރުވެވަޑައިނުގަތުމުން އޭނާގެ މައްޗަށް އުފުލާފައިވާ ގައިގައި އަތްލުމުގެ ދައުވާގެ އަޑުއެހުން ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.
މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދެވުނު ނަމަވެސް ގާޒީ ވަނީ ޝަރީއަތް ކުރާ ކޮޓަރިއަށް ފިޔާޒު އާއި ދައުލަތުގެ ވަކީލުން ވެއްދުމަށްފަހު އެ މައްސަލާގައި ކަންހިނގާފައިވާ ގޮތް ކިޔައިދެއްވާފައެވެ.
ފިޔާޒު ވިދާޅުވީ ވަކީލު ހުންނެވީ ޗުއްޓީގައި ކަމަށާއި އެހެންކަމުން މިއަދުގެ އަޑުއެހުމަށް ހާޒިރުވެވެން ނެތް ކަމަށް ވަކީލު ވިދާޅުވާ ކަމަށެވެ. އަދި އެކަން ބަޔާންކޮށް ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ވަކީލަށް ޗުއްޓީ ހަމަޖެއްސިތާ އެތަކެއް ދުވަސްވެފައިވާ ކަމަށެވެ. ޗުއްޓީ އަށްފަހު އެނބުރި ވަޑައިގަތުމުން ވަކީލު ކޯޓަށް އަންގަންޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެ މައްސަލަ އަވަސްކޮށްދިނުމަށް ފިޔާޒު އެދިފައިވާތީ މައްސަލަ އަވަސްކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެ މައްސަލައިގެ އަޑުއެހުމުގައި ދެން އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުމެވެ. ޚުލާސާ ބަޔާން ހުށަހެޅުމުގެ ކުރިން ޝަރީއަތުގައި ދައްކަފައިވާ ވާހަކަތަކުގެ އޯޑިއޯ ވަކީލުންނަށް އިއްވާފައިވާނެ ކަމަށާއި އެއީ ޚުލާސާ ބަޔާން ތައްޔާރުކުރަން ފަސޭހަކޮށްދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ ޚުލާސާ ބަޔާން ހުށަހަޅަން އިތުރު ފުރުސަތެއް ފިޔާޒަށް ދެއްވުމަށްފަހުއެވެ.
ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި ޖަހައި ފުލުހުންނަށް ފިޔާޒު ހުރަސް އަޅާފައިވާ ކަމަށެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކީންނާއި ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަސް މީގެކުރިން ވަނީ ނަގާފައެވެ.