01 Jun 2017, 00:02
ބެންގަލޫރު އެފްސީއާ ދެކޮޅަށް މާޒިޔާއިން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި ނަމަވެސް ބެންގަލޫރު އަތުން ބަލިވީ އެޓީމު މޮޅަށް ކުޅެގެން ނޫން ކަމަށް މާޒިޔާގެ ކޯޗް މާރްޔަން ސެކުލޮވްސްކީ ބުނެފިއެވެ.
ބުދަ ދުވަހު އިރާކޮޅު، ބެންގަލޫރު އަތުން 1-0 އިން މާޒިޔާ ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސެކުލޮވްސްކީ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި މެޗެއްގައި އެންމެ މުހިއްމު ކަމަކީ އިދިކޮޅަށްކުޅޭ ޓީމަށް އިހުތިރާމް ކުރުން ކަމަށާއި ނަމަވެސް މި އަދުގެ މެޗުގައި އެކަން ފެނިގެން ނުދިޔަ ކަމަށެވެ.
ތަޖުރިބާކާރު ކޯޗް ބުނީ، ބެންގަލޫރު ޓީމުން ކުޅުނީ ނުރައްކާތެރި ފުޓްބޯޅައެއް ކަމަށާއި އިދިކޮޅުން ކުޅޭ ޓީމުން އަނެއް ޓީމަށް ދޭންޖެހޭ އިހުތިރާމާއި ކުޅިވަރުގެ ރޫހު އެ މެޗުގައި ފެނިގެން ނުދިޔަ ކަމަށެވެ.
" އަހަރެން ބުނަން ބޭނުންވަނީ މިއަދުގެ މެޗުން އިހްތިރާމާއި ' ފެއާޕްލޭ' ގޭމެއް ފެނިގެން ނުދިޔަ. އަހަރެން އެކަމާ ހިތާމަ ކުރަން. ފުޓްބޯޅައިގައި އެންމެ މުހިއްމު ކަމަކީ އިދިކޮޅު ޓީމަށް އިހްތިރާމް ކުރުން،" ސެކުލޮވްސްކީ ބުންޏެވެ.
އޭނާ އިތުރަށް ބުނީ މެޗުގައި ބެންގަލޫރުގެ ޑިފެންޑަރު ޖިންގަން މާޒިޔާގެ ކުޅުންތެރިއަކަށް ގަސްދުގައި ފައުލްކުރި ކަމަށާއި އޭނާ ގަސްދުގައި މާޒިޔާގެ ކުޅުންތެރިއާ " ކަނޑާ ވައްޓާލީ" ކަމަށެވެ. އަދި އެއީ ރަތް ކާޑެއް ދައްކަން ޖެހޭ ފައުލެއް ކަމަށާއި ނަމަވެސް އެ ފައުލަށް ރަތް ކާޑު ދައްކާފައި ނުވާތީ އެކަމާ ހިތްހަމަ ނުޖެހޭކަމަށެވެ.
" އަހަރެން މި ބުނަނީ ރެފްރީ ގޯސް ވާހަކައެއް ނޫން. ގޯހީ އެ ކުޅުންތެރިއާ. އޭނާ އަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް. ހަތަރު ފަސް ފަހަރު އެކަހަލަ ނުރައްކާ ފައުލްތައް އެ ކުޅުންތެރިއާގެ ފަރާތުން އަހަންނަށް ފެނުނު، އެއީ ގަބޫލުކުރެވޭނެ ކަންކަމެއްނޫން،" ސެކޮލޯވްސްކީ ބުންޏެވެ.
ސެކުލޮވްސްކީ ބުނީ ކުޅުންތެރިން ޗޭންޖިންގް ރޫމުގައި ވަރަށް ބޮޑަށް ރޮއެ ހިތާމަކުރި ކަމަށާއި އެގޮތަށް އެ ކުޅުންތެރީން ރުއީ މެޗުން ބަލިވެގެން ނޫންކަމަށާއި މެޗުގައި އެ ކުޅުންތެރީންނަށް ލިބެންޖޭހޭ ހައްގު އިހްތިރާމާއި ފެއާ ޕްލޭ ގޭމެއް ކުޅެން ނުލިބުމުން ކަމަށެވެ.
ބުދަ ދުވަހު ކުޅުނު މެޗުގައި ބެންގަލޫރުން މާޒިޔާ ކޮޅަށް ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސުނިލް ޗެތުރީއެވެ. މި ނަތީޖާއާއެކު މާޒިޔާއަށް ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ.