31 May 2017, 23:53
ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހިނގައިދިޔަ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ހާލު ޖެހުނު ފަރާތްތަކަށް ދިވެހި ސަރުކާރުން އެހީ ފޯރުކޮށްދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި ރާއްޖޭން ފޯރުކޮށްދޭ އެހީ ލަންކާއާ ހަވާލުކުރެއްވީ ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ލަންކާއަށް ވަޑައިގެން ހުންނެވި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.
ލަންކާއަށް ކުރާ ވިއްސާރާގައި ހިނގި އެކި ހާދިސާތަކުގައި އެގައުމުގެ 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.
ޑރ. އާސިމްގެ ދަތުރުފުޅުގައި އޭނާ ވަނީ ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ރަވީ ކަރުނަނަޔަކައާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ފަރާތުން، މިނިސްޓަރު ތައުޒިޔާ ވިދާޅުވިއެވެ.
އަދި އެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހިރާއްޖެއިން ދޭ ފައިސާގެ އެހީ، ސްރީލަންކާގެ ފޮރިން މިނިސްޓަރާ، ޑރ. އާސިމް ހަވާލުކޮށްދެއްވި އެވެ. ނަމަވެސް ފައިސާގެ އަދަދު އެ އޮފީހުން ހާމަ ނުކުރެ އެވެ.
އެ ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ޑރ. އާސިމްގެ އިތުރުން، ލަންކާއަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު ބައިވެރިވެވަޑައިގެންނެވި އެވެ.