ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ލޭންޑް ސައިޑު ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ފުލުހުންނާ ހަވާލުކޮށްފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޯޕަރޭޓް ކޯޕަރޭޝަންގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު ވިދާޅުވީ އެއާޕޯޓުގެ "އެއާ ސައިޑު"ގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަމުން އަންނަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކަމަށާއި، އެއާޕޯޓުގެ ލޭންޑް ސައިޑަށް ފުލުހުންގެ "ޕްރެޒެންސް" ބޭނުންވާ ކަމަށެވެ.

"އެއާޕޯޓަކީ އިންޓަނޭޝަނަލް ވައިގެ ބަނދަރެއް. އެހެންވެ މިތަނުގެ ލޭންޑް ސައިޑުގެ ސެކިއުރިޓީއަށް ފުލުހުން ވަރަށް މުހިއްމު. އެހެންވެސް ފުލުހުންނާ މި މަސައްކަތް ހަވާލު ކުރީ،" ހަސަން ވިދާޅުވި އެވެ.

މިއަދުގެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކަމުގެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

އެއާޕޯޓުގެ ލޭންޑް ސައިޑަކީ ފުރާ މީހުންގެ ޓާމިނަލުން ބޭރުގައި ހިމެނޭ ސަރަހައްދެވެ. އެގޮތުން ބަނދަރު މައްޗާއި ފެރީ ޓާމިނަލް ފަދަ ތަންތަން ހިމެނެ އެވެ.