31 May 2017, 21:15
ބައްޕައަކީ އެމެރިކާގެ އަސްކަރީ އޮފިސަރަކަށް ވުމުން، އުއްމު އުސްމާންގެ މުޅި ހަޔާތްވެސް ބައްޓަން ވެފައި އޮތީ އެއްތަނުން އަނެއް ތަނަށް ހިޖުރަކޮށް، ދިރިއުޅުން ބަދަލުކުރުމަށެވެ. ޅަ އުމުރުއްސުރެ ފެށިގެން، ބައްޕަ އެތަނަކަށް ދިރިއުޅުން ބަދަލުކުރާން ޖެހުނު ސަރަހައްދަށް މުޅި އާއިލާ ބަދަލުވާން ޖެހެއެވެ.
އެއީ އެމެރިކާގައި އުޅޭ ނަސާރާ، ލެޓިން އާއިލާއެކެވެ. އުއްމު އުސްމާނަކީ އޭރު އުއްމު އުސްމާނެއް ނޫނެވެ. އޭރު އެއީ ނަސާރާ ކުއްޖެކެވެ.
އެއްތަނުން އަނެއް ތަނަށް ހިޖުރަ ކުރުމުގައި، އުއްމު އުސްމާން އޭނާގެ އާއިލާއާ އެކުގައި ނަސާރާ ފައްޅިތަކަށް އަޅުކަމަށް ދެއެވެ. ނަމަވެސް އޭނާއަށް އެތަން ކަމަކު ނުދެއެވެ. ވަށައިގެން ފޮޓޯތަކާއި ބުދުތައް ހުންނާތީ އަބަދުވެސް އުނދަގޫވެއެވެ.
ހިޖުރަ ކުރަންޖެހޭ ވަރު ގިނަ ކަމުން، އަބަދުވެސް ރަހުމަތްތެރިންގެ ގިނަ ބަޔަކު ގެއްލެއެވެ. އަނެއްކާވެސް ޖެހެނީ އަލުން ފަށައިގަންނާށެވެ. ފަސޭހަ ކަމެއް ނޫނެވެ. މިގޮތުގެ މަތިން އޭނާ އެމެރިކާގެ ޖޯޖިއާ ސްޓޭޓަށް ހިޖުރަ ކުރިއެވެ. އޭނާއަށް ސްކޫލުން ރަހުމަތްތެރިއަކު ލިބުނެވެ. ފުރަތަމަ ހީވީ މެކްސިކޯ ކުއްޖެއް ހެންނެވެ. ނުވަތަ އޭނާ ފަދައިން ލެޓިން ކުއްޖެއް ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެއީ ހިބާ ކިޔާ މިސްރު ކުއްޖެކެވެ. އޭނާއާ އެކު ވަގުތުތައް ހޭދަކޮށް، އޭނާގެ ދިރިއުޅުން ދަސްކުރިއެވެ.
އަނެއްކާވެސް ބައްޕައާ އެކު އެހެން ސްޓޭޓަކަށް ބަދަލުވާން ޖެހުމުން އުއްމު އުސްމާނަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ. ނަވާރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު އާއިލާއާ އެކު މެރިލޭންޑް ސްޓޭޓަށް ބަދަލުވެ އުޅެނު އިރު ރަހުމަތްތެރިއަކު ނެތެވެ. އެކަނިވެރިކަން އިންތިހާއަށް ދިއުމުން، ޓިކެޓު ނަގައިގެން އުއްމު އުސްމާން ދިޔައީ ޖޯޖިއާއަށް، ރަހުމަތްތެރިޔާ ހިބާ ކައިރިއަށެވެ. ކަން ދިމާކުރި ގޮތުން ޖޯޖިއާއަށް ދެވުނީ ރަމަޟާން މަހުގެ ތެރޭގައެވެ.
ރަމަޟާން މަހު ހިބާގެ އާއިލާއާ އެކު ދިރިއުޅެމުން ގޮސް، ފިތުރު އީދު ދުވަހު އީދު ނަމާދަށްވެސް، އޭރު ނަސާރާއެއްގެ ގޮތުގައި ހުރި އުއްމު އުސްމާން ދިއައެވެ. ގޭގައި އެކަނި ނުހުރުމަށް، މިސްކިތުގެ ބޭރުގައި ނުވަތަ ފަހަތުގައި އެކަނި ނުހުރުމަށްޓަކައި، އޭނާ ހުރީ މިސްކިތުގައި ހިބާއާ ޖެހިގެނެވެ. ނަމާދުގެ ހަރަކާތްތައް ވެސް ކުރިއެވެ. އޭރުވެސް ނަސާރާއެކެވެ.
އެހެން ނަމަވެސް ފަހުން ގެޔަށް ގޮސް، އޭނާގެ ބޮލު ތެރޭގައި އެނބުރެމުން ދިޔައީ މިސްކިތުގައި އިވުނު ތަކުބީރުގެ ބަސްތަކެވެ. ﷲ އަކްބަރެވެ. ﷲ އަކްބަރެވެ. ލާއިލާހަ އިއްލަﷲ އެވެ. އޭގެ މާނަ ހިބާގެ ކިބައިން އޭނާ އޮޅުން ފިލުވިއެވެ. ހިބާގެ އާއިލާގެ ކައިރިން އެތައް ސުވާލެއްގެ ޖަވާބު ހޯދިއެވެ. ޖަވާބުގެ ގޮތުގައި ހިބާގެ ބައްޕަ އޭނާއަށް ކުޑަ ފޮތެއް ދިނެވެ. އޭގައި އިސްލާމް ދީނާއި ނަސާރާ ދީން އަޅައިކިޔާފައިވާ އިރު، އުއްމު އުސްމާންގެ ހިތުގައި ހުރި ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބުނެވެ.
އެނބުރި މެރިލޭންޑަށް، އާއިލާ ކައިރިއަށް ގޮސް، އަނެއްކާވެސް އެކަނިވެރިކަން ފިލުވުމަށް އިންޓަނެޓު މެދުވެރިކޮށް ކައިރީގައި އުޅޭ މުސްލިމުން ހޯދުމަށް އުއްމު އުސްމާން މަސައްކަތް ކުރިއެވެ. އެޓްލާންޓާގައި އުޅޭ މުސްލިމު ފިރިހެނަކާ ދިމާވެއްޖެއެވެ. އޭނާ އުއްމު އުސްމާންގެ ނަމްބަރު ހޯދައިގެން ފޯނުން ގުޅައި، ﷲ އާއި ރަސޫލާއަށް އީމާންވޭތޯ އެހިއެވެ. ޖަވާބުގައި އުއްމު އުސްމާން ބުނީ އީމާންވާ ކަމަށެވެ. އެހިނދު، އެމީހާ އޭނާއަށް ޝަހާދަތް ލައިދިނެވެ. އަދި ފަހުން އޭނާގެ އާއިލާގެ މެމްބަރުންތަކެއްގެ ގާތަށް އުއްމު އުސްމާން ގެންގޮސް، ހެކިވެރިންގެ ކުރިމަތީގައި އުއްމު އުސްމާނަށް ޝަހާދަތް ލައިދިނެވެ.
މިއަށްފަހު އުއްމު އުސްމާން އަވަސްވެގަތީ އޭނާގެ މިސްރު ރަހުމަތްތެރިޔާ ހިބާއަށް ގުޅައި، އޭނާ އިސްލާމްވި ކަމުގެ އުފާވެރި ޚަބަރު ދިނުމަށެވެ. އެ ޚަބަރު ދިނުމާ އެކު، ހިބާއާއި އޭނާގެ އާއިލާ ބޭނުންވީ އުއްމު އުސްމާން އެމީހުންގެ ގާތަށް ގެންގޮސް، އެމީހުން ދާ މިސްކިތުގައި ވެސް ޝަހާދަތް ކިޔުވާށެވެ.
މިއަދު އުއްމު އުސްމާނަކީ އެމެރިކާގައި އުޅޭ ލެޓިން ނުވަތަ ހިސްޕެނިކް ދަރިކޮޅުގެ މީހުންނަށް އިސްލާމް ދީނަށް ދައުވަތުދޭ ކަނބަލެކެވެ. ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ވެސް އިސްލާމް ދީނަށް ގޮވާލުމުގެ މަސައްކަތް ކުރާ ޖަމިއްޔާއެއް އޭނާ ހިންގައެވެ.